Ads by Stelco

ޚަބަރު

ބޯހިޔާވަހިކަމަށް ހުޅުވާލިތާ އެއްދުވަސް ތެރޭ 500 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

ބޯހިޔާވަހިކަމަށް ހުޅުވާލިތާ އެއްދުވަސް ތެރޭ 500 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

ބޯހިޔާވަހިކަމަށް ކުރިމަތިލުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖެނުއަރީ 2026، 12:03

19 ޖެނުއަރީ 2026، 12:03

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އައު މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލިތާ އެއްދުވަސް ތެރޭގައި 500 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ފްލެޓަށް އެދި 399 މީހަކު ވަނީ ފޯމު ހުށަހަޅާފައެވެ. އަދި ގޯއްޗަށް އެދި 119 މީހަކު ފޯމު ހުށަހަޅާފައިވާއިރު، ޖުމްލަ 518 ފަރާތަކުން ވަނީ ރަސްމީކޮށް ފޯމު ހުށަހެޅުން ނިންމާފައެވެ. މީގެ އިތުރުން 3,836 މީހުން ޑްރާފްޓް ސްޓޭޖުގައި ފޯމު ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގައި ޖުމްލަ 15,000 ގޯއްޗާއި 79,000 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢަށް ފޯމު ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދަނީ "ހިޔާވެހި" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ފޯމު ހުށަހެޅުމަށްފަހު އެ ފޯމު ކެންސަލެއް ނުކުރެވޭނެއެވެ. ނަމަވެސް ފޯމު ހުށަހެޅުމުގެ ކުރިން ޑްރާފްޓް މަރުހަލާގައި ބައިންދައިގެން ބޭނުންވާ އުނިއިތުރެއް ގެނައުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ކޮންމެ މީހަކަށްވެސް ހުށަހެޅޭނީ ފްލެޓް ނުވަތަ ގޯތި، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ.

މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތާއި އުސޫލުތައް އެ ވުޒާރާގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450