ޚަބަރު
ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ އަދި ޑެންގޫ އިތުުރުވެއްޖެ، ސަމާލުވާން އިލްތިމާސްކޮށްފި
އައިޖީއެމް ހޮސްޕިޓަލް
މި ދުވަސްވަރު އަރިދަފުސް ރޯގާ، ބޭރަށް ހިންގުން އަދި ޑެންގީ ހުން އިތުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފިއެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުންގެ ތެރޭގައި މި ބަލިތައް ޖެހިގެން އަންނަ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.
ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި، ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. އަދި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން، ކުޑަކުދިން، މާބަނޑު މީހުން އަދި ދިފާއީ ނިޒާމް ބަލިކަށި މީހުން މި ދުވަސްވަރު އިތުރަށް ސަމާލުވުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، ސާފިތާހިރުކަމަށް އިސްކަންދީ، ސައިބޯނިލައިގެން އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށް ވެސް ވަނީ ބާރުއަޅާފައެވެ.
ޑެންގީ ހުން ފެތުރުން ހުއްޓުވުމަށްޓަކައި މަދިރި އާލާވާފަދަ ފެންހަރުލާ ތަންތަން ނައްތާލުމަށާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.
ހުމާއި އަރިދަފުސް ރޯގާ ޖެހޭ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އައިޖީއެމްއެޗުން ވަނީ އިއްޔެ ފުލޫ ކްލިނިކެއް ހުޅުވާފައެވެ. މި ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ލިބޭނެއެވެ.
މި ޚިދުމަތް ދެމުންދަނީ ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ. ފުލޫ ކްލިނިކަށް ވަޑައިގަންނަވާ ފަރާތްތަކުން ފުރަތަމަ އީއާރް ޓްރައިޖަށް ވަޑައިގަތުމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި ކިއުބީ ޓޯކެން ސިސްޓަމް މެދުވެރިކޮށް ނަންބަރު ނެންގެވުމުން، ބަލިމީހާގެ ހާލަތަށް ބަލައި ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައިޖުން އިރުޝާދު ދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.