ޚަބަރު
ވިލިމާލެ ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ވިލިމާލެ ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ތަރައްޤީކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ޢަމަލީ މަސައްކަތްތައް ފެށުމަށްޓަކައި، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލަރ ޒެންގެ ޒޫ އެވެ. ވިލިމާލޭގައި 112 އެނދުގެ މި ހޮސްޕިޓަލް ތަރައްޤީކުރަނީ ޓަރޝަރީ ފެންވަރަށެވެ. މި ހޮސްޕިޓަލް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 12،890 އަކަމީޓަރުގެ ސަރަޙައްދެއްގައެވެ.
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ޚިދުމަތްތަކާއި، ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ޚާއްޞަ ސަރަޙައްދުތަކާއި، މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހިމެނޭނެއެވެ. އަދި ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް ޗައިނާ ސަރުކާރުގެ އެހީގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެން ކުރިއަށްދާނީ ބީލަމުގެ އުސޫލުން މި މަޝްރޫޢަށް ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމެވެ. މި މަސައްކަތުގެ ޑިޒައިން އަދި ސަރވޭގެ މަސައްކަތްތައް ނިމިދިޔަ އަހަރުގެ ތެރޭގައި ވަނީ ނިންމާފައެވެ.
ވިލިމާލޭގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިއީ ރައްޔިތުންނަށް ފަސޭހައިން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން ރަމްޒުކޮށްދޭ، އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ އައު ހަރުފަތަކަށް ގެންގޮސްދޭނެ އިސްތިރާޖީ މުހިންމު ބިނާއެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ އާންމު ޞިއްޙަތު ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.