ޚަބަރު
ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި، ދިވެހި ސަނަދުތަކަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި
މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. ފޮޓޯ: މަޖިލިސް އިދާރާ
ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި، ދިވެހި ސަނަދުތަކަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު މުހައްމަދު އިބްރާހީމް ފާހަގަކުރައްވާފައިވަނީ، ރާއްޖޭގައި އޮންލައިންކޮށް އަދި ކެމްޕަހަށް ހާޒިރުވެގެން ކިޔެވުމުގެ ފުރުސަތުތައް ފުޅާވެފައިވީ ނަމަވެސް، ތައުލީމީ ނަޒާހާތްތެރިކަމާ ގުޅޭ ސީރިއަސް މައްސަލަތަކެއް ފެންމަތިވަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރަށްރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އިތުރުވުމާއެކު، އޭގެ ނަހަމަ ބޭނުން ހިފާ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރުގެ ސިޓީގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި އޮންލައިން އިމްތިހާނުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމާއި، އެހެން މީހުންގެ އުފެއްދުންތަކާއި މަސައްކަތްތައް ކޮޕީކުރުން އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން، އުޖޫރަ ދީގެން އެހެން މީހުން ލައްވާ އެސައިންމަންޓްތައް ހެދުވުމާއި، ހުއްދަނޫން ގޮތްގޮތަށް އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން ފިލާވަޅުތައް ނިންމުމަކީ ތައުލީމީ ފެންވަރަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
މުހައްމަދު އިބްރާހީމް ވިދާޅުވި ގޮތުގައި، މިފަދަ އަމަލުތައް ހިންގާ ދަރިވަރުން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން، ނަޒާހާތްތެރިކަމެއް ނެތި ފާސްވުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ. މީގެ ސަބަބުން ދިވެހި ސަނަދުތަކުގެ އަގު ބައިނަލްއަގުވާމީ މައިދާނުގައި ވެއްޓި، އިހުލާސްތެރިކަމާއެކު ކިޔަވާ ދަރިވަރުންނަށާއި ވަޒީފާދޭ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މި މައްސަލައިގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކަށީގެންވާ ވަގުތުގައި ޖަވާބުދާރީ ނުވާކަމަށާއި، ކޯސްތަކުގެ ފެންވަރު ބެލުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަންވެސް މެންބަރުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. "އަގަށް އެސައިންމަންޓް ހަދައިދޭ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅޭނެ ނިޒާމެއް އޮތް ނަމަވެސް، އެކަން ހުއްޓުވުމުގައި މިހާތަނަށް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވޭ،" މެންބަރު ވިދާޅުވިއެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާގެ އިތުބާރު ސަލާމަތްކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ. މި މައްސަލަ ކޮމިޓީ މަރުހަލާގައި ދިރާސާކޮށް، ތައުލީމީ ނިޒާމުގެ ހަރުދަނާކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.