ޚަބަރު
މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް 29,600 ރުފިޔާ ނެގި މީހަކު ހައްޔަރުކޮށްފި
ނަދީފް މުހައްމަދު
މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، އުމުރުން 36 އަހަރުގެ ނަދީފް މުހައްމަދު އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ނަދީފް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެ ދުވަހު މީހަކަށް ގުޅައި އޯޓީޕީ (OTP) ހޯދުމަށްފަހު، އެ މީހާގެ އެކައުންޓުން ފައިސާ ކެނޑިފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައެއް ތަހުގީގު ކުރުމަށްފަހު، ނަދީފް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ނަދީފް ވަނީ ޖުމްލަ 29,600 ރުފިޔާ އަށް ވުރެ ގިނަ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށްފައެވެ. މީގެ ތެރެއިން 24,700 ރުފިޔާ އެކި ފަހަރު މަތިން އޭޓީއެމް މެދުވެރިކޮށް ނަގާފައިވާއިރު، ބާކީ 4,900 އަށް ވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު ނަގާފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ނަދީފަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއެމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް ވަނީ އެނގިފައެވެ. މިއީ ރާއްޖޭގައި މިހާރު އާންމުވަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އުކުޅެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.
ނަދީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ފަހަރު ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން މިހާރު ވަނީ އިތުރު ހަތް ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.