ޚަބަރު
ޕީކް ސީޒަނަށް ތައްޔާރުވުމަށް 12 ރަށަކަށް ޖެންސެޓް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި
ރަށްރަށަށް ޖެންސެޓްތައް ފޮނުވަނީ ފޮޓޯ: ސްޓެލްކޯ
ކުރިއަށް އޮތް ޕީކް ސީޒަނާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި 12 ރަށަކަށް އާ ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށައިފިއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރާ ދިމާކޮށް ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޖުމްލަ 12 ޖެންސެޓެއް ފޮނުވުމަށް ވަނީ ނިންމާފައެވެ.
މި ފަހަރު ފޮނުވުމަށް ހަމަޖެހިފައިވަނީ 600 ކިލޯވޮޓް، 800 ކިލޯވޮޓް، އަދި 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓުތަކެވެ. ސްޓެލްކޯއިން ވިދާޅުވީ، މި ޖެންސެޓްތައް ރަށްރަށަށް ގެންގޮސް، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން އިންސްޓޯލްކޮށް، ޚިދުމަތަށް ނެރެވޭނެ ކަމަށެވެ. މީގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެގެންދާނެއެވެ.
ރަށްރަށުގެ އިތުރުން، މާލެ ސަރަޙައްދުގައި ހިމެނޭ ވިލިމާލޭގެ ކަރަންޓުގެ ޚިދުމަތް ވަރުގަދަކުރުމަށްޓަކައިވެސް ސްޓެލްކޯއިން ވަނީ މުހިންމު ފިޔަވަޅެއް އަޅާފައެވެ. އެގޮތުން ވިލިމާލޭ އިންޖީނުގެއަށް އަލަށް ގެނައި 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓު މިހާރު ވަނީ ކޮމިޝަންކޮށް ބޭނުންކުރަން ފަށާފައެވެ.
މި ބަދަލާއެކު ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުވެ، ޕީކް ސީޒަނުގައި ދިމާވެދާނެ ދަތިތަކަށް ހައްލެއް ލިބި، ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސްޓެލްކޯއަކީ އަބަދުވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.