ޚަބަރު
ކޯޓާ ނުނަގާ ހުންނަ ސައިޓުތައް "އިން-އެކްޓިވް" ކުރަނީ
ބިދޭސީން މަސައްކަތްކުރާ ވޯކް ސައިޓެއް ފޮޓޯ: އިންޓަނެޓް
ރާއްޖޭގައި ބިދޭސީން މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކޯޓާ ނުނަގާ ހުންނަ ސައިޓުތަކަކީ އެކްސްޕެޓް ސިސްޓަމްގައި ހަރަކާތްތެރިނުވާ ނުވަތަ "އިން-އެކްޓިވް" ތަންތަނުގެ ގޮތުގައި ކަނޑައެޅުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ފަށާފައިވާ މަސައްކަތުގެ ދަށުން، އެ ވުޒާރާއިން މިހާރު ވަނީ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. މިގޮތުން ރާއްޖެއަށް ބިދޭސީން ގެނައުމަށް ޕްރޮޖެކްޓް އުސޫލުން ރަޖިސްޓްރީކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެކްސްޕެޓް ސިސްޓަމްގެ ރިކޯޑުތަކުން ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށް ދައްކާ ސައިޓުތައް، މިދިޔަ އަންގާރަ ދުވަހުން ފެށިގެން "ޕެންޑިންގ ސައިޓް ކްލިއަރެންސް" ގެ ގޮތުގައި ވަނީ ކަނޑައަޅަން ފަށާފައެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ސައިޓުތަކުގެ ތެރެއިން ކޯޓާ ނުނަގާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަން، މި މަހުގެ 25 ވާ އާދިއްތަ ދުވަހުން ފެށިގެން "އިން-އެކްޓިވް" ހާލަތަށް ބަދަލުކުރެވޭނެއެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މުއްދަތު ހަމަވެފައިވާ ސައިޓުތައް އަލުން އެކްޓިވޭޓް ކުރަން ބޭނުންވާ ނަމަ، ލިޔެކިޔުންތައް އައުކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ޑޮކިއުމަންޓްތައް އަޕްޑޭޓް ކުރުމަށް ވަޒީފާދޭ ފަރާތްތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
މި ފިޔަވަޅުތައް އަޅަން މިޖެހުނީ ބިދޭސީން ރާއްޖެއަށް ގެނައުމަށްފަހު މަގުމައްޗަށް ދޫކޮށްލާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީއެވެ. ބައެއް ފަރާތްތަކުން ވަކި ބާވަތެއްގެ މަސައްކަތްތަކަށް ސައިޓުތައް ރަޖިސްޓްރީކޮށް، އޭގެ ނަހަމަ ފައިދާ ނަގަމުންދާކަން ކަމާބެހޭ ފަރާތްތަކަށް ވަނީ ފާހަގަކުރެވިފައެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މަސައްކަތުގެ މާޙައުލަކީ ގަވާއިދަށް ތަބާވާ، ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ތަނަކަށް ހެދުމެވެ. މިގޮތުން ބިދޭސީންނާ ގުޅޭ ނިޒާމު ހަރުދަނާކޮށް، ގަވާއިދާ އެއްގޮތަށް ކަންކަން މަގުފަހިކުރުމަށްޓަކައި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.