Ads by Stelco

ޚަބަރު

ކާބަފައިން ފަދައިން މިނިވަންކަން ދިފާޢުކުރުމުގައި ސާބިތުވެ ތިބެންޖެހޭ: ވަޒީރު އާދަމް ނަޞީރު

ކާބަފައިން ފަދައިން މިނިވަންކަން ދިފާޢުކުރުމުގައި ސާބިތުވެ ތިބެންޖެހޭ: ވަޒީރު އާދަމް ނަޞީރު

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖެނުއަރީ 2026، 10:13

20 ޖެނުއަރީ 2026، 10:13

ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި ވޭތުވެދިޔަ ދިގު ތާރީޚުގައި ދިވެހި ކާބަފައިން ޤުރުބާންވީ ފަދައިން، ކުރިއަށް އޮތްތަނުގައިވެސް އެކަމަށް ސާބިތުކަމާއެކު ކުރިމަތިލާން ތައްޔާރަށް ތިބެންޖެހޭކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 1447 ވަނަ އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ 4000 އަހަރަށްވުރެ ދިގު ތާރީޚަށް ބަލާއިރު، ޤައުމުގެ މިނިވަންކަމަށްޓަކައި އެތައް ކާބަފައިންނެއް އެބޭފުޅުންގެ ހަމަ ނިންޖާއި އަމިއްލަ ފުރާނައިން ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ ކަމަށެވެ.

އޭރު ރާއްޖެއަށް ކުރިމަތިވި ފަދަ ޢުދުވާނީ ޙަމަލާތައް މިހާރު ކުރިމަތިނުވާނެ ކަމަށް ބަލައި ފަރުވާކުޑަކޮށްގެން ނުވާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި އަބަދުވެސް ފާރަވެރިވެ ތިބެންޖެހޭ ކަމަށެވެ. "ދައުލަތެއް އުފެދެނީ ދިފާޢުކުރުމުގެ ތެރެއިން، ޤައުމެއް ދެމިއޮންނަނީވެސް ދިފާޢުކުރުމުގެ ތެރެއިން. އަޅުގަނޑުމެން އަބަދުމެ ހޭލާ ދެމިތިބެންޖެހޭ. މިހާރު އަންނަނީ ފިކުރީ ހަނގުރާމައިގެ ތެރެއިން އަންނަ ޙަމަލާ. އެކަމަށް ފާރަވެރިވާންޖެހޭ،" އާދަމް ނަޞީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހިންގެ މެދުގައި ތާރީޚީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ގަހަކަށް މޫ ބޭނުންވާ ފަދައިން ޤައުމަކަށް އެ ޤައުމެއްގެ ތާރީޚާއި ކާބަފައިންވީ ޤުރުބާނީ އެނގުން މުހިއްމު ކަމަށެވެ. އަދި ދިވެހިންގެ ތަރިކައަށް ބަލަން އަލުން ދަސްކޮށްދިނުމަކީ އެއްބައެއްގެ ގޮތުގައި ޤައުމު ދެމިއޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ދުނިޔޭގައި ކުރިއަށްދާ ފިކުރީ ހަނގުރާމައަށް ސަމާލުވުމަށް އިލްތިމާސްކުރައްވަމުން ވަޒީރު ވިދާޅުވީ، ދަރިންނަށް ފެންނަ މަންޒަރުތަކާއި އެކުދިން އުނގެނޭ ކަންކަމާމެދު ކޮންމެ ދިވެއްސަކުވެސް ފާރަވެރިވާންޖެހޭ ކަމަށެވެ. ޤައުމުގެ މިނިވަންކަމަށް ލޮޅުން އަރާފާނެ ކަންކަމުގައި ލޯމަރައިގެން ތިބުމުގެ އިޚުތިޔާރު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށާއި، ކޮންމެ ކަމެއްގައިވެސް ދިވެހިންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކޮބައިތޯ އަބަދުވެސް ވިސްނަންޖެހޭނެ ކަމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450