Ads by Stelco

ޚަބަރު

ޙާފިޡުން ދަސްވެނިވުމުގެ ޚާއްޞަ ޙަފްލާ ރަމަޟާން މަހުގެ 12 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި

ޙާފިޡުން ދަސްވެނިވުމުގެ ޚާއްޞަ ޙަފްލާ ރަމަޟާން މަހުގެ 12 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި

ޒުވާން 24 ހާފިޒުންނާއެކު، ފުރަތަމަ ފަހަރަށް ހާފިޒުންގެ ދަސްވެނިވުން ކުލަގަދަކޮށް ފާހަގަކުރި ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖެނުއަރީ 2026، 10:51

20 ޖެނުއަރީ 2026، 10:51

މިއަހަރުގެ ޙާފިޡުން ދަސްވެނިވުމުގެ ޙަފްލާ، ކުރިން ތާވަލުކުރި ތާރީޚަށްވުރެ އަވަސްކޮށް، ރަމަޟާން މަހުގެ 12 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން މި ޙަފްލާ ބޭއްވުމަށް ހަމަޖެހިފައި އޮތީ ރަމަޟާން މަހުގެ 27 ވިލޭރޭގައެވެ. ނަމަވެސް، ތާރީޚަށް ގެނައި މި ބަދަލާއެކު މިހާރު މި ޙަފްލާ އޮންނާނީ މީލާދީ ތާރީޚުން މާރިޗު މަހުގެ 11 ވަނަ ދުވަހާ ދިމާވާ ރަމަޟާން މަހުގެ 12 ވިލޭރޭގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، މިއަހަރުގެ ޙަފްލާގައި 30 ޙާފިޡުން ދަސްވެނިވާނެއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ޙަފްލާގައި ޖުމްލަ 42 ޙާފިޡަކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑަލް ހާޞިލުކުރާނެ ކަމަށްވެސް ވަޒީރު މަޢުލޫމާތު ދެއްވިއެވެ.

ސަރުކާރުން ޙާފިޡުން ތަމްރީނުކުރުމަށް ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި މިހާރު ތިބި ޙާފިޡުންގެ އަދަދު ވަނީ 291 އަށް އަރާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ ޙާފިޡުންގެ އަދަދު 300 އަށް އިތުރުކުރުމެވެ.

ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން، ޙާފިޡުންނަށް ދައުލަތުން ދޭ އެލަވަންސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެގުނައަށް ބޮޑުކޮށްދެއްވާފައެވެ. އަދި ޙާފިޡުންގެ އަގު ވަޒަންކުރުމަށްޓަކައި މިފަދަ ޚާއްޞަ ދަސްވެނިވުމުގެ ޙަފްލާތައް ބޭއްވުމަކީވެސް ސަރުކާރުން އަލަށް ފަށްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450