ވިޔަފާރި / ޚަބަރު

ވީއައިއޭ ފިޔަވައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އެތެރެވަނީ މާފަރު އެއާޕޯޓުން: ތަފާސްހިސާބު

ވީއައިއޭ ފިޔަވައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އެތެރެވަނީ މާފަރު އެއާޕޯޓުން: ތަފާސްހިސާބު

ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ފޮޓޯ: ޓީޓީއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖެނުއަރީ 2026، 11:54

20 ޖެނުއަރީ 2026، 11:54

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ފިޔަވައި ރާއްޖެއަށް ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އެތެރެވަނީ ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 127,486 ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވެއެވެ. އަދި 514 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އެތެރެވި އެއާޕޯޓަކީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓެވެ. މިއާއެކު މާފަރު އެއާޕޯޓު ވެފައިވަނީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ އެއާލައިންތަކަށް ޚިދުމަތް ދެމުންދާ އެއާޕޯޓަށެވެ.

ކޮންމެ އަހަރަކުވެސް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓުތައް ޖައްސާ މާފަރު އެއާޕޯޓަށް މި އަހަރުގެ ޕީކް ސީޒަން ފެށުނު ފަހުން މިހާތަނަށް 200 އަށްވުރެ ގިނަ ޖެޓު ވަނީ ޖައްސާފައެވެ. އެ އެއާޕޯޓުން ލަފާކުރާ ގޮތުގައި މި ސީޒަން ނިމޭއިރު ޖެޓު މޫވްމަންޓް 800 އަށް އަރާނެއެވެ. 2019 ވަނަ އަހަރު ހުޅުވި މި އެއާޕޯޓަކީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުން 60 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ. އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ މި އެއާޕޯޓު ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ 129,201 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތައިގެ ކުރިއެރުމެކެވެ. މި މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު 9,596 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން ނަމަވެސް، މި އަހަރުގެ ފުރަތަމަ 19 ދުވަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. ރާއްޖޭގެ ފަތުރުވެރިކަން ބާރު މިނެއްގައި ކުރިއަރަމުންދާއިރު، މިދިޔަ އަހަރު ވަނީ ރެކޯޑު އަދަދެއް ކަމަށްވާ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450