ޚަބަރު
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ 62 ހެކްޓަރު ހިއްކާ ނިންމައިފި
ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 62 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާއިރު، މުޅި މަޝްރޫޢުގެ 98 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި ބިޔަ މަޝްރޫޢުގެ ބިން ހިއްކުމުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދަނީ "ޕްރިންސް ޑަ ނެދަލެންޑްސް" އަދި "އޮރޭންޖް" ނަމަކަށް ކިޔާ ދެ ކޮންނަ ބޯޓެވެ. މިއިން ކޮންމެ ބޯޓަކީ 22،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ބޯޓުތަކެއްކަން ފާހަގަކޮށްލެވެއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމް.އޭ.ސީ.އެލް (MACL) އިން ފަށާފައިވަނީ 10 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢަކީ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި ބާކީ ހުރި މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ. މި މަޝްރޫޢު ނިމުމުން ހުޅުމާލެއަށް އިތުރުވާ ބިމުގެ ސަބަބުން ތަރައްޤީގެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.