ޚަބަރު
މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުގެ އެހީ ހޯދަނީ
އިނގިރޭސިވިލާތާއެކު ބޭއްވުނު މަޝްވަރާގެ ތެރެއިން
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، އިނގިރޭސިވިލާތުގެ ސަފީރު ނިކް ލޯ އާއެކު ތިމާވެށްޓާ ބެހޭ ވުޒާރާއިން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ ބޭފުޅުން ވަނީ އިނގިރޭސިވިލާތުގެ ސަފީރު ނިކް ލޯ އަދި ބްރިޓިޝް ހައި ކޮމިޝަންގެ ވަފުދާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކާއި، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކުން ސަލާމަތްވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަރާތުން ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަމްޖަދު އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. ބްރިޓިޝް ހައި ކޮމިޝަންގެ ފަރާތުން ސަފީރު ނިކް ލޯގެ އިތުރުން، ހެޑް އޮފް މޯލްޑިވްސް އެންޑް އިންޑިޔަން އޯޝަން ޓީމް އެޝްލީ ރޯޖާސް އަދި ޕޮލިޓިކަލް އެންޑް ކޮމިއުނިކޭޝަންސް އޮފިސަރު ސައިނާ ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގެ ތެރެއިން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކުއްލި ހާލަތްތައް ކަމަށްވާ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ކަނޑުގަދަވުމުގެ މައްސަލަތަކަށް އަލިއަޅުވާލެވުނެވެ. މީގެ އިތުރުން، ދުރު ރާސްތާގައި ކުރިމަތިވާ ގޮންޖެހުންތައް ކަމަށްވާ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުން ފަދަ ކަންކަމުން އަރައިގަތުމަށް އިނގިރޭސިވިލާތުގެ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ދެ ފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ރާއްޖެއިން ބައިނަލްއަގްވާމީ ކްލައިމެޓް ފަންޑުތަކުން އެހީ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖެއިން އިސްކަންދޭ ދާއިރާތަކުގެ މައުލޫމާތުވެސް މި ބައްދަލުވުމުގައި ހިއްސާކުރެވުނެވެ. ތިމާވެށްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ބައްދަލުވުން ނިންމާލަމުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތައް ހޯދުމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި އިނގިރޭސިވިލާތުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ފަރާތުން ބާރުއެޅިއެވެ.