ޚަބަރު
މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް މުޙައްމަދު އިމްތިޠާއު އައްޔަންކުރައްވައިފި
މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް މުޙައްމަދު އިމްތިޠާއު އައްޔަންކުރުން
މޯލްޑިވްސް ޒަކާތު ހައުސްގެ އައު ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް މުޙައްމަދު އިމްތިޠާއު ޢައްބާސް، ޒަކާތު ކައުންސިލުން މިއަދު އައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައިވަނީ 2025/27 ޒަކާތުގެ ޤާނޫނުގެ ދަށުން އެކުލަވައިލި ޒަކާތު ކައުންސިލްގެ ނިންމުމަކާ އެކުގައެވެ.
ޒަކާތު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ޢާންމުކޮށް އިޢުލާންކުރުމުން ކުރިމަތިލެއްވި ފަރާތްތަކާ އިންޓަރވިއުކޮށްފައިވެއެވެ. މިގޮތުން އައްޝައިޚް އިމްތިޠާއު މި މަޤާމަށް އައްޔަންކުރަން ނިންމެވީ، އެ ބޭފުޅާގެ ޤާބިލުކަމާއި، ތަޢުލީމީ ފެންވަރާއި، އަދި ދާއިރާގެ ތަޖުރިބާއަށް ބިނާކޮށް، އެ މަޤާމަށް އެންމެ އެކަށީގެންވާ ފަރާތަކީ އެ ބޭފުޅާ ކަމަށް ކައުންސިލަށް ފެންނާތީއެވެ.
އައްޝައިޚް އިމްތިޠާއު ޒަކާތު ހައުސްގެ އިސް މަޤާމަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަޤާމުގައި ޖަނަވަރީ 14، 2026 އާ ހަމައަށް ޚިދުމަތް ކުރެއްވިއިރު، މީގެ ކުރިން އެ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމާއި، ހެޑް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ފަދަ މުހިންމު މަޤާމުތައް ފުރުއްވާފައިވެއެވެ. މީގެ އިތުރުން ޒަކާތު ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ޒަކާތު ހައުސްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއަރގެ މަޤާމުވެސް އެ ބޭފުޅާ ވަނީ ފުރުއްވާފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، އައްޝައިޚް އިމްތިޠާއުއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ޙަދީޘް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާއިރު، މިހާރު ގެންދަވަނީ އެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާވިދާޅުވަމުންނެވެ.