ކުޅިވަރު / ޚަބަރު

އިންޑިއާގެ މައްޗަށް ބޮޑު މޮޅެއް ހޯދައި، ރާއްޖެއިން ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި

އިންޑިއާގެ މައްޗަށް ބޮޑު މޮޅެއް ހޯދައި، ރާއްޖެއިން ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި

ރާއްޖެ އަދި އިންޑިއަާ ކުޅުނު މެޗު ފޮޓޯ: ސާފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖެނުއަރީ 2026، 05:13

20 ޖެނުއަރީ 2026، 05:13

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި ވާދަވެރި އިންޑިއާ 0-5 ގެ ބޮޑު ތަފާތަކުން ބަލިކޮށް، މުބާރާތުގެ ތާވަލުގެ އެއްވަނައިގައި ރާއްޖެއިން މަގާމު ވަރުގަދަކޮށްފިއެވެ.

ބެންކޮކުގެ ނޮންތަބުރީ ހޯލުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ދެ ޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެކެވެ. މި ހާފުގައި އިންޑިއާގެ ޓީމުން މޮޅަށް ކުޅެ، ރާއްޖޭގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރިއެވެ. ނަމަވެސް، ރާއްޖޭގެ ކީޕަރު ޒައިދާން އަޙްމަދު ވަނީ ހުށިޔާރުކަމާއެކު އިންޑިއާގެ ހުރިހާ ހަމަލާތަކެއް ދިފާއުކޮށްފައެވެ. ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި ހާފުގެ 12 ވަނަ މިނެޓުގައި ރާއްޖެއަށް ލީޑު ނަގައިދިނީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ. މިއީ އަބްދުﷲ ޝާއު (ޝާއްޕެ) ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފުގައި ޑިފެންސިވް ކުޅުމަކަށް އިސްކަންދިން ނަމަވެސް، ދެވަނަ ހާފުގައި ރާއްޖެއިން ކުޅުން ވަރުގަދަކޮށް ކުރިއަށް ޖެހުނެވެ. އެގޮތުން ހާފު ފަށައިގެން ދޮޅު މިނެޓުގެ ތެރޭގައި ޝާފިއު ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދިންއިރު، އޭގެ ތިން މިނެޓު ފަހުން އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ހުޒެއިފަތު ރަޝީދު (ހުޒޭ) އެވެ.

މެޗުގެ ފަހުކޮޅު އިންޑިއާއިން "ޕަވާ ޕްލޭ" އަށް ބަދަލުކޮށްގެން ކުޅެނިކޮށް، ރާއްޖެއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. ރާއްޖޭގެ ހަތަރުވަނަ ލަނޑު އަމިއްލަ ހާފުގައި ހުރެފައި ކެޕްޓަން އިމްރާން ކާމިޔާބުކުރިއިރު، ފަސްވަނަ ލަނޑު ޖަހައިދިނީ އަޙްމަދު ހަމީދު (އައްމަޑޭ) އެވެ.

މި މޮޅާއެކު، މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، 9 ޕޮއިންޓާއެކު ރާއްޖެ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޕާކިސްތާނަށް 4 މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނޭޕާލަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. ރާއްޖެ އަތުން ބަލިވި އިންޑިއާ އޮތީ 2 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.

މި ނަތީޖާއާއެކު، އަލަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލުމުގެ އުއްމީދު ރާއްޖެއަށް މިވަނީ ވަރަށް ބޮޑުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450