Ads by Stelco

ޚަބަރު

ސަޢުދީގެ ޤާނޫނުހަދާ މަޖިލީހާއި ރާއްޖެއާ ގުޅުން ބަދަހި ކުރަން މަޝްވަރާކޮށްފި

ސަޢުދީގެ ޤާނޫނުހަދާ މަޖިލީހާއި ރާއްޖެއާ ގުޅުން ބަދަހި ކުރަން މަޝްވަރާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސަޢުދީގެ ޤާނޫނު ހަދާމ މަޖިލީހުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖެނުއަރީ 2026، 08:08

20 ޖެނުއަރީ 2026، 08:08

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނުހަދާ މަޖިލީހުގެ ގުޅުން ބަދަހިކުރުމާގުޅޭގޮތުން ދެ ޤައުމުގެ އިސްވެރިން މިއަދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ، ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ޝޫރާ ކައުންސިލްގެ ރައީސް، ޑޮކްޓަރ ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އަލްޝައިޚްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ދެ ޤައުމުގެ ދެމެދުގައި ދީނީ، ސަގާފީ، އަދި ތާރީޚީގޮތުން ބިނާވެފައިވާ ވަރުގަދަ ގުޅުމުގެ މައްޗައް އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ސަޢޫދީން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގައި އަދާކުރާ ދައުރަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާއިން މެދުއިރުމަތީގެ ސުލްޙައަށް ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ޢަބްދުއްރަޙީމް ވިދާޅުވީ "ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައި" ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުން އަސަރުކުރާ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިވުމުގައި ސަޢޫދީން ދައްކާ ނަމޫނާވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޙައްޖާއި ޢުމްރާގެ އަޅުކަމަށް ރާއްޖެއިންދާ ފަރާތްތަކަށް ސަޢޫދީ ސަރުކާރުން ފޯރުކޮށްދޭ އިންތިޒާމުތަކަށް ޝުކުރު އަދާކުރައްވަމުން، ކުރިމަގުގައި މި ދަތުރުތަކުގައި އިތުރު ލުއިފަސޭހަތައް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ފަތުރުވެރިކަމުގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ރައްޔިތުންގެ މަޖިލީހާއި ޝޫރާ ކައުންސިލާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެ ފަރާތުންވެސް ދެއްވިއެވެ. އަދި މަޖިލީހުގެ ރައީސް ވަނީ ޝޫރާ ކައުންސިލްގެ ރައީސްއަށް ރާއްޖެ ވަޑައިގަތުމަށް ރަސްމީ ދަޢުވަތެއް އަރުވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450