ކުޅިވަރު / ޚަބަރު
މާލޭގެ ރަސްމީ ފުޓުބޯޅަ ދަނޑު ހުޅުމާލެ އަށް ބަދަލުކުރަނީ
ގަލޮޅު ދަނޑު
މާލޭގައި މިހާރު ހުރި ގަލޮޅު ރަސްމީ ބޯޅަ ދަނޑު ތަޅާލައި، އޭގެ ބަދަލުގައި ހުޅުމާލޭ ފޭސް އެކެއްގައި ޒަމާނީ ފެންވަރުގެ އައު ނެޝަނަލް ސްޓޭޑިއަމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ނިންމަވާފައިވާ ކަމުގެ އިޝާރާތެއް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ދެއްވައިފިއެވެ.
ވަޒިރު ރާފިޢު ވިދާޅުވީ، ގަލޮޅު ދަނޑުގެ ބަދަލުގައި ހުޅުމާލޭގައި ޒަމާނީ ވަސީލަތްތަކާއެކު އައު ދަނޑެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ގަލޮޅު ދަނޑު ތަޅާލުމަށްފަހު އެތަނުގައި ގާއިމުކުރާ ކުޅިވަރު މަރުކަޒުގެ ކޮންސެޕްޓް ޑްރޯއިންތައް މިހާރު ނިމިފައިވާ ކަމަށެވެ. "މިހާރު ވަނީ ދަނޑުގެ ކޮންސެޕްޓް ޑްރޯއިން ނިމި އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އެ މަސައްކަތް ފެށުމުގެ ކަންކަން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިގެންދާނެ. އަދި ގަލޮޅު ދަނޑު މިހާރު ހުރިތަން ތަޅާލާ އަދި މިދެންނެވިހެން އައު ކޮންސެޕްޓަކަށް، އެ ކޮންސެޕްޓުވެސް ވަނީ ހެދިފަ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ރާފިޢު ފާހަގަކުރެއްވި ގޮތުގައި ގަލޮޅު ދަނޑަކީ އިންޓަނޭޝަނަލް ސްޓޭޑިއަމެއްގެ ގޮތުގައި ބޭއްވުމަށް މިހާރު އެންމެ އެދެވޭ ތަނެއް ނޫނެވެ. އެތަނުގެ ސޭފްޓީއާއި ސެކިއުރިޓީގެ އިތުރުން، މާލޭގެ ކާރުބާރޫ ބޮޑު ސަރަހައްދެއްގައި ދަނޑު އޮތުމުން ދިމާވާ ޓްރެފިކް މައްސަލަތަކާއި ޕާކުކުރުމުގެ ދަތިކަމަށް ހައްލެއް ހޯދުމަކީ މި ބަދަލުގެ މުހިންމު ބޭނުމެކެވެ. ރަސްމީ ބޯޅަ ދަނޑު ހުޅުމާލެއަށް ބަދަލުކުރުމުން ބައިނަލްއަގްވާމީ ސްޕޯޓްސް ސެކިއުރިޓީ މިންގަނޑުތަކަށް ދަނޑު ފެއްތުމަށް ފަސޭހަވެގެންދާނެއެވެ.
1979 ވަނަ އަހަރު ބިނާކުރެވުނު ގަލޮޅު ދަނޑަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ބިނާއެކެވެ. 11,850 މީހުންގެ ޖާގަ އޮންނަ މި ދަނޑަކީ ރާއްޖޭގެ ފުޓުބޯޅައިގެ ރަން ޒަމާނުގެ އުފާވެރި ހަނދާންތަކާއި ބައިނަލްއަގްވާމީ މުހިންމު މެޗުތަކެއްގެ ހެކިވެރިއެކެވެ. 47 އަހަރުވެފައިވާ މި ދަނޑު އެންމެ ފަހުން ބޮޑު މަރާމާތެއް ކޮށްފައިވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕަށެވެ.
ސަރުކާރުގެ އަމާޒަކީ ގަލޮޅު ދަނޑު ހުރި ބިމުގައި އާންމުންނަށް ފަސޭހައިން ވަދެ އުޅެވޭނެ، އަދި ކުޅިވަރުގެ ހަރަކާތްތައް ހިންގޭނެ ފަދަ ޒަމާނީ މަރުކަޒެއް ގާއިމުކުރުމެވެ. ނަމަވެސް، ރާއްޖޭގެ ރަސްމީ ނެޝަނަލް ސްޓޭޑިއަމް ދެން ވެގެންދާނީ ހުޅުމާލޭ ފޭސް އެކެއްގައި ބިނާކުރާ ޒަމާނީ ވަސީލަތްތައް ހިމެނޭ ދަނޑަކަށެވެ.