ޚަބަރު
މިއަހަރުގެ ތެރޭގައި 12 ހާހެއްހާ ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށާނެ: ވަޒީރު މުއްޠަލިބް
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އިމާރާތްކުރުމާ ބެހޭ ވުޒާރާ
މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 12،000 އެއްހާ ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މީގެ ތެރެއިން ފުރަތަމަ މަޝްރޫޢުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާ ގޮތުގެ ތަފްސީލް ދެއްވަމުން ވަޒީރު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 3,272 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 312 ޔުނިޓް، ހުޅުމާލެ ފޭސް 1 ގައި 546 ޔުނިޓް އަދި ހުޅުމާލެ ފޭސް 3 ގައި 2,414 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް ސަރުކާރުން ވަނީ ހިލޭ ބިން ހަމަޖައްސައިދީ، އަތްފޯރާފަށުގައި ރައްޔިތުންނަށް ފްލެޓްތައް ފޯރުކޮށްދިނުމަށްޓަކައި ގިނަ ލުއިތަކެއް ދީފައެވެ.
އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް މަސައްކަތް ބާރަށް ކުރިއަށް
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިޤްތިޞާދީ ޙާލަތު އޮތްގޮތުން ބޭރުގެ ލޯނުތައް ހޯދުމުގައި ދަތިތަކެއް ހުއްޓެވެ. އެހެންކަމުން، ރާއްޖޭގެ ބޭންކްތަކުގެ އެހީގައި މި މަސައްކަތް ފަށަން ޖެހުނު ކަމަށާއި، މިހާރު ކުރިއަށްދާ މަޝްރޫޢުތަކަކީ 5-6 އިންސައްތައިގެ ކުޑަ ޕްރޮފިޓް މާޖިންއެއްގައި ކުރިއަށްދާ މަސައްކަތްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. "މި 3300 ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްދޭ. މި މަސައްކަތުގެ ސައިޓް މަސައްކަތް މިމަހު ފަށާނެ. 2 އަހަރުން މަސައްކަތްތައް ނިންމާ މީހުން ވެއްދޭނަކަމަށް އުއްމީދަކީ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި 4,000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ވަޒީރު ލަފާކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި އެއްވެސް އިންޓްރެސްޓަކާ ނުލާ ލިބޭ ލޯނުގެ ދަށުން 500 ޔުނިޓް ތަރައްޤީކުރުމާއި، ސަޢުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި 400 ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ރޭވެމުންނެވެ.
ވަޒީރު ވިދާޅުވީ ބޭރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގައިވެސް، ސަރުކާރުގެ ޢަމާޒަކީ މި ވެރިކަމުގެ ދައުރުގެ ތެރޭގައި އެތަންތަން ރައްޔިތުންނާ ހަވާލުކުރުން ކަމަށެވެ. އަދި ދިރިއުޅެން ވަދެވޭވަރަށް މަސައްކަތް މުޅިން ނުނިމުނު ނަމަވެސް، ރައްޔިތުންނަށް ޔަގީންކަން ލިބޭވަރަށް އަދި އެތަން ލިބުނު ފަރާތަށް ޤާނޫނީގޮތުން އެކަން ކަށަވަރުވާވަރަށް މަސައްކަތްތައް ނިންމަވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
"ސަރުކާރުގެ ޢަމާޒަކީ މިއަހަރުގެ ތެރޭގައި 12000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުން. މިއީ އެހެން އެއްވެސް ސަރުކާރެއްގައި ފްލެޓް މަސައްކަތް ނުގެންދާ މިންވަރެއް،" ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުތަކުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ 3 ކޮޓަރީގެ ޔުނިޓްތަކަށެވެ.