Ads by Stelco

ޚަބަރު

ރޯދަހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުކޭސްތަކުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

ރޯދަހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުކޭސްތަކުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

މިދިޔަ އަހަރު ރޯދައަށް ބެހި މަސްދަޅުކޭސް ރައްޔިތުން ގެންދަނީ. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖެނުއަރީ 2026، 11:08

21 ޖެނުއަރީ 2026، 11:08

ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދެއްވާ ރޯދަ ހަދިޔާގެ ގޮތުގައި ހިމެނޭ މަސްދަޅު ކޭސްތަކުގެ ބޮޑުބައި އުފައްދައި ނިމިފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކުރިއަށްދާ މި މަސައްކަތުގެ ދަށުން، ރޯދަ ހަދިޔާ ބަހަން ފަށަންވާ އިރަށް ހުރިހާ ތައްޔާރީތަކެއް ނިންމުމަށް ދަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން މިފްކޯގެ ސީނިއާ ޕީއާރު މެނޭޖަރ އަލްއުސްތާޛާ ޝިފްޒާ މުސްޠަފާ ވިދާޅުވީ، ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް ބޭނުންވާ 118,977 މަސްދަޅު ކޭހުގެ ތެރެއިން 115,078 ކޭސް މިހާރު އުފައްދައި ނިންމާފައިވާ ކަމަށެވެ. މިއީ މުޅި ޕްރޮޑަކްޝަންގެ 96.7 އިންސައްތައެވެ. ޝިފްޒާ ވިދާޅުވި ގޮތުގައި، މިހާރު އުފެއްދުމަށް ބާކީ އޮތީ އެންމެ 3,899 ކޭސް ކަމަށާއި، މާދަމާގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލެވޭނެއެވެ.

މަސައްކަތް ނިންމުމަށް ކުރިން ކަނޑައެޅި ތާރީޚަށްވުރެ ކުޑަ ލަސްވުމެއް އައީ ބާޒާރުގައި މަސްދަޅުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން އާންމު ބާޒާރަށް ބޭނުންވާ މަސްދަޅު ފޯރުކޮށްދިނުމަށް އިސްކަންދޭން ޖެހުމުން ކަމަށް މިފްކޯއިން ބުނެއެވެ. ޝިފްޒާ ވިދާޅުވީ، "ކަނޑައެޅި ތާރީޚަށް ކުޑަކުޑަ ބަދަލެއް އައި ނަމަވެސް، ސަރުކާރުން މަސްދަޅު ބަހަން ފަށަންވާ އިރަށް މުޅި ޕްރޮޑަކްޝަން އެއްކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތް" ކަމަށެވެ.

މަސްދަޅު ކޭސްތައް ބެހުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދަނީ ސިޓީތަކާބެހޭ ވުޒާރާއާއި އެސްޓީއޯއާ ގުޅިގެންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް ފަސޭހައިން މި ހަދިޔާ ފޯރުކޮށްދިނުމަށްޓަކައި، އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައި މިހާރުވެސް ބައެއް ސްޓޮކް ވަނީ ރައްކާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ އަހަރުވެސް ވަނީ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ފޯރުކޮށްދީފައެވެ. މިދިޔަ އަހަރު މުޅި ރާއްޖޭގެ ގޭބިސީތަކަށް ޖުމްލަ 111,231 މަސްދަޅު ކޭސް ބަހާފައިވެއެވެ. އޭގެ ތެރޭގައި މާލޭގެ ގޭބިސީތަކަށް ދޫކުރި 50,519 ކޭހާއި އަތޮޅުތަކަށް ފޮނުވި 60,712 ކޭސް ހިމެނެއެވެ.

މަސްދަޅު ކޭހުގެ އިތުރުން، މިއަހަރުގެ ރަމަޟާން މަހު ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، ޑޮމެސްޓިކް ރޭޓުގައި ބިލްކުރާ ކޮންމެ ގޭބިސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް އަންނާނީ 400 ރުފިޔާގެ ކަރަންޓު ބިލެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450