ޚަބަރު
މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ އެމަރޖެންސީގައި ބޭނުން ކުރެވޭ ވަރަށް ނިމިއްޖެ
މާލެ ހުޅުމާލެ ފެނުގެ ވިެުގަ
މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރު ކުރެވޭ ގޮތަށް ޤާއިމުކޮށްފައިވާ ފެނުގެ ވިއުގަ، ކުއްލި ނުރައްކަލުގެ ނުވަތަ އިމަރޖެންސީ ހާލަތްތަކުގައި ބޭނުން ކުރެވޭ މިންވަރަށް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ސިނަމާލެ ބްރިޖު މެދުވެރިކޮށް މާލެއާއި ހުޅުމާލެ ފެނުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2018 ވަނަ އަހަރުގައެވެ. ނަމަވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މި މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައި ނުވާކަން ފާހަގަކުރެވެއެވެ. މި މަސައްކަތް އަލުން ހަލުވިކަމާއެކު ކުރިއަށްގެންދަން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު މި ސަރުކާރުން އިސްނަގައިގެންނެވެ.
ދައުލަތުގެ މީޑީއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން ވިދާޅުވީ، މަސައްކަތް ލަސްވީ ދެކޮޅުގައިވެސް ޤާއިމްކުރަންޖެހޭ ޕަންޕު ސްޓޭޝަންތަކުގެ މަސައްކަތް ހުރުމުން ކަމަށެވެ. ނަމަވެސް މިހާރު އިމަރޖެންސީ ހާލަތެއްގައި ފެން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
މަތީން ވިދާޅުވި ގޮތުގައި، މި ނިޒާމު ފުލް ކެޕޭސިޓީގައި ބޭނުން ކުރުމަށް އިތުރު ވަގުތު ބޭނުންވާނެއެވެ. "ފުލް ކެޕޭސިޓީގައި ބޭނުން ކުރުމަކީ އޭގެ ޒާތުގައި ރެގިއުލާކޮށް ކޮންމެހެން ކުރަންޖެހޭ ކަމެއްވެސް ނޫން. ފެން ޕަންޕު ކުރުމަކީވެސް އިތުރު ކޮސްޓު އަދި ހަކަތަވެސްދާނެ ކަމެއް. އޭގައި ކަމެއް ބޮޑަށް ދިމާވާއިރު އެ ހޮޅި ބޮޑަށް ބޭނުން ކުރަން ޖެހޭނީ،" މަތީން ވިދާޅުވިއެވެ.
މި ވިއުގަ މެދުވެރިކޮށް ބޭނުންވެއްޖެ ހާލަތެއްގައި ދުވާލެއްގެ މައްޗަށް ކޮޅަކަށް 2000 ޓަނުގެ ފެން ޓްރާންސްފަރ ކުރެވޭނެއެވެ. މުޅި މި ނިޒާމަކީ ގަޑިއަކު 800 ޓަނުގެ ފެން ދައުރު ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މާލެ ނުވަތަ ހުޅުމާލޭގެ ފެން ފޯރުކޮށްދިނުމުގެ ނިޒާމަށް އެއްވެސް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި، އަނެއް ރަށުން ފަސޭހަކަމާއެކު ފެން ފޯރުކޮށްދީ، މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ކަށަވަރުކޮށްދިނުމެވެ.