Ads by Stelco

ޚަބަރު

ބީއެމްއެލް އާ ހަވާލުކޮށްގެން ތަރައްގީކުރާ 3،272 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މި މަހު ފަށަނީ

ބީއެމްއެލް އާ ހަވާލުކޮށްގެން ތަރައްގީކުރާ 3،272 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މި މަހު ފަށަނީ

ބީއެމްއެލްއާއި އިމާރާތްކުރުމާ ބެހޭ ވުޒާރާއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖެނުއަރީ 2026، 11:40

21 ޖެނުއަރީ 2026، 11:40

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން ތަރައްގީކުރާ 3،272 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަހަރުގެ ތެރޭގައި ޖުމްލަ 12،000 ހައުސިން ޔުނިޓެއްގެ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. ބީއެމްއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ އޭގެ ތެރެއިން އެންމެ ފުރަތަމަ އަމަލީ މަސައްކަތް ފެށިގެންދާނެ މަޝްރޫއު ކަމަށާއި، މި ފޭސްގައި ޖުމްލަ 3،300 އެއްހާ ޔުނިޓް އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، "5-6% ކުޑަ ޕްރޮފިޓް މާޖިންއެއްގައި ބޭނުންކުރަން މި މަސައްކަތް ކުރަނީ. މި 3300 ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްދޭ. މި މަސައްކަތުގެ ސައިޓް މަސައްކަތް މިމަހު ފަށާނެ. 2 އަހަރުން މަސައްކަތްތައް ނިންމާ މީހުން ވެއްދޭނަކަމަށް އުއްމީދަކީ." ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 312 ޔުނިޓް، ހުޅުމާލެ ފޭސް 1 ގައި 546 ޔުނިޓް އަދި ހުޅުމާލެ ފޭސް 3 ގައި 2،414 ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ބޭންކުތަކުގެ އެހީގައި މި މަސައްކަތް ކުރަން ޖެހުނީ އިގްތިސާދީ ހާލަތު ހުރިގޮތުން ބޭރުގެ ލޯނު ހޯދުމުގައި ހުރި ދަތިތަކާ ހުރެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމައި، މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތު
ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު މުއްތަލިބް ވިދާޅުވީ، ސަރުކާރުގެ ސޯޝަލް ހައުސިން ޕޮލިސީ ބިނާވެފައި އޮންނާނީ އާއިލާތަކަށް ރައްކާތެރިކަމާއި ކަރާމާތްތެރި (ޑިގްނިފައިޑް) ދިރިއުޅުމެއް ހޯދައިދިނުމުގެ މައްޗަށް ކަމަށެވެ. މީގެ އިތުރުން، އާއިލީ ބޯހިޔާވަހިކަމަށް އިސްކަންދިނުމަކީ ދައުލަތުގެ ހުރި މަދު ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ (ނީޑީ) ފަރާތްތަކަށް ހާއްސަކުރުން ކަމަށް ވަޒީރު ސިފަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި 4،000 ޔުނިޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަހަރުގެ މެދުތެރޭގައި ފެށޭނެއެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި 500 ޔުނިޓް އަދި ސައުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި 400 ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450