ކުޅިވަރު / ޚަބަރު
ހުޅުމާލެ އެކެއް، ދޭއް އަދި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމަށް ސޮއިކޮށްފި
ހުޅުމާލެ އެކެއް، ދޭއް އަދި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމަށް ސޮއިކުރުން
ހުޅުމާލޭގެ ފޭސް އެކެއް، ފޭސް ދޭއް އަދި ވިލިމާލޭގައި ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ގާއިމްކުރުމަށް ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލޭގެ ތިން ސަރަހައްދެއްގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއެކު ސްޕޯޓްސް ކޮމްޕްލެކްސްތައް ބިނާކުރެވޭނެއެވެ. މިއީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރު ކުޅުމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމްކޮށް، ރައްޔިތުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ވައުދެކެވެ. މި އެއްބަސްވުމާއެކު، މާލެ ސަރަހައްދުގެ ކުޅިވަރު ވަސީލަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.