Ads by Stelco

ޚަބަރު

އިސްރާއީލުން އަންރުވާގެ އިމާރާތްތައް ސުންނާފަތިކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލުން އަންރުވާގެ އިމާރާތްތައް ސުންނާފަތިކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޣައްޒާގައި ހުންނަ އުންރުވާގެ އޮފީހެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖެނުއަރީ 2026، 12:59

21 ޖެނުއަރީ 2026، 12:59

ނިރުބަވެރި އިސްރާއީލުން ގުދުސްގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދ.ގެ ޖަމިއްޔާ (އަންރުވާ) ގެ މައި މަރުކަޒުގެ އިމާރާތްތައް ސުންނާފަތިކޮށްލި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިސްރާއީލުގެ މި އަމަލަކީ ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމުގެ ކަންބޮޑުވުން އެ ވުޒާރާއިން ވަނީ ފާޅުކޮށްފައެވެ.

ދިވެހި ސަރުކާރުން ވަނީ އަންރުވާއިން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކުރަމުންދާ އިންސާނީ އެހީގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، ދިވެހިރާއްޖެ އޮތީ އެ ޖަމިއްޔާއާ އެކުގައި ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން ދެމުންދާ މިފަދަ ހަމަލާތަކުގެ ޒިންމާ އެ ގައުމުން ނަގަންޖެހޭނެ ކަމަށްވެސް ހާރިޖީ ވުޒާރާއިން ގޮވާލާފައިވެއެވެ.

އަންރުވާއިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ނިރުބަވެރި ސިފައިން ވަނީ އެ ޖަމިއްޔާގެ މުވައްޒަފުންގެ އާލާތްތައް އަތުލައިގަނެ، ޝެއިހް ޖަރާހް އަވަށުގައި ހުންނަ މައި އޮފީސް ދޫކޮށް ދިއުމަށް މަޖުބޫރު ކޮށްފައެވެ. އަދި އެ ސަރަހައްދުގައި ހުރި ފަލަސްތީނުގެ ސްކޫލަކުން މީހުން ހުސްކުރުމަށް ކަރުނަ ގޭސް ބޭނުންކޮށްފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިސްރާއީލުން ދަނީ އަންރުވާގެ ސަރަހައްދު ވަށައިގެން ލަޝްކަރުތައް އިތުރުކޮށް، މަގުތައް ބަންދުކޮށް، އެ ޖަމިއްޔާގެ އިމާރާތްތައް ބިމާ ހަމަކުރަމުންނެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އެހީގެ މަގުތައް ބަންދުކުރުމަށް ހިންގާ ލާއިންސާނީ އަމަލެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުން ސިފަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450