Ads by Stelco

ޚަބަރު

މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި

މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި

ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ގަންނަން ފެށުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖެނުއަރީ 2026، 03:48

21 ޖެނުއަރީ 2026، 03:48

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝެރީޒް ކޮމްޕެނީ (މިފްކޯ) ގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއިން މަތީގެ ކަންނެލި ރަސްމީކޮށް ގަންނަން ފަށައިފިއެވެ. މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މިހާރު ވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައެވެ. މި ސައިޒުގެ ކަންނެލި ކިލޯއެއް ގަތުމަށް ކަނޑައަޅާފައިވަނީ 20 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަމުންދާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ. މި ޚިދުމަތް ކޫއްޑޫ، އައްޑޫ، ފުވައްމުލައް، ގައްދޫ އަދި ތިނަދޫގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުތަކުން ލިބޭނެއެވެ.

މިފްކޯއިން ވިދާޅުވީ "ސަރުކާރުގެ ވައުދާ އެއްގޮތަށް މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާނެ" ކަމަށެވެ. މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ކަންނެލި މަސްވެރިންނަށް މީގެ ކުރިން ދިމާވި އެންމެ ބޮޑު އެއް ދަތިކަމަކީ މިފްކޯއަށް ބޮޑުކަންނެލި ނުކިރުމެވެ. މީގެ ކުރިން ބޮޑުކަންނެލި ގަންނަމުން ދިޔައީ އަމިއްލަ ކުންފުނިތަކުން ކަމަށްވާއިރު، ބިލްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް މިފްކޯއިން ކަންނެލި ގަންނަން ފެށުމާއެކު މި ހުރިހާ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެއެވެ.

ކަނޑުއޮތްގިރި ފެސިލިޓީއަކީ މީގެ ކުރިން މިފްކޯގެ ލައިފްސްޓައިލް ޕްރޮޑަކްޓްތަކާއި ލޮއިންސް ޕްރޮޑަކްޝަންގެ މައި ހަބެވެ. މިހާރު އެރަށަށް ކަޅުބިލަމަސްވެސް ގަންނަން ފަށާފައިވާއިރު، ހުޅުމާލޭގައި 25,000 އަކަފޫޓުގެ ބިމެއްގައި ބޮޑުކަންނެލި ޕްރޮސެސިންގ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މި ފެސިލިޓީއަށް ބޭނުންވާ ފަންޑިންގ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އިން ހަމަޖެހިފައިވާއިރު، މި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450