ޚަބަރު
ސްޕެއިން ގައި ކުރިއަށްދާ ފިތޫރް ޓްރެވަލް ފެއަރގައި ރާއްޖެ އިސްތިހާރުކުރަނީ
ފިތޫރް ޓްރެވަލް ފެއަރގައި ރާއްޖެ އިސްތިހާރުކުރަނީ
ސްޕެއިންގެ މެޑްރިޑުގައި ކުރިއަށްދާ ދުނިޔޭގެ މަޝްހޫރު ޓްރެވަލް ފެއަރ، "ފިތޫރު" (FITUR) ގައި ރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަން ފަށައިފިއެވެ.
އިއްޔެއިން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއަރއަކީ، މިއަހަރުގެ ތެރޭގައި ރާއްޖެއިން ބައިވެރިވާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ޓްރެވަލް ޓްރޭޑް ފެއަރއެވެ.
މި ފެއަރގައި ވިޒިޓް މޯލްޑިވްސްއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 22 ކުންފުންޏަކުން ބައިވެރިވެއެވެ. މީގެ ތެރޭގައި ރިސޯޓުތަކާއި، ޓްރެވަލް އެޖެންޓުން އަދި ފަތުރުވެރިކަމުގެ އެކި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ހިމެނެއެވެ. މިއީ ސްޕެއިން މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މިއަހަރުގެ ފިތޫރު ފެއަރގައި 50,000 އަށްވުރެ ގިނަ ވިޔަފާރިވެރިންނާއި ފަންނީ މާހިރުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި ޓްރެވަލް އެޖެންސީތަކާއި، ހޯލްސޭލަރުންނާއި، ހޮޓަލުތަކާއި، އެއާލައިންތަކުގެ އިތުރުން ސްޕެއިންގެ ރަސްމީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ޓްރެވަލް މީޑިއާތައް ހިމެނެއެވެ.
ފިތޫރު ފެއަރއަކީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ރަނގަލު ފުރުޞަތުތަކެއް ފަހިކޮށްދޭ މާހައުލެކެވެ. މި ފެއަރއަށް ފަތުރުވެރިކަމުގެ ޚިދުމަތްތައް ގަންނަން ބޭނުންވާ ފަރާތްތަކުގެ އިތުރުން، ދުނިޔޭގެ ނުފޫޒުގަދަ އިންފްލުއެންސަރުންނާއި މާކެޓިންގ ދާއިރާގެ ޕްރޮފެޝަނަލުން ޒިޔާރަތްކުރާނެއެވެ.
މި ފެއަރގެ ތެރެއިން ސްޕެއިންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެއެވެ. ސްޕެއިންއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުންދާ، ރާއްޖޭގެ ފަތުރުވެރިކަމަށް ނުހަނު މުހިންމު މާކެޓެކެވެ.