Ads by Stelco

ޚަބަރު

ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ތަޢާރަފްކުރަނީ

ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ތަޢާރަފްކުރަނީ

ޕްރީސްކޫލެއްގައި ދެ ޓީޗަރަކު ކްލާހެއް ކުރިއަށް ގެންދަވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖެނުއަރީ 2026، 11:04

22 ޖެނުއަރީ 2026، 11:04

ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭން މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ތަޢާރަފްކުރުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢުގެ ދަށުން ތަޢުލީމީ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.

ތަޢުލީމީ ދާއިރާއަކީ ޒަމާނާ އެއްގޮތަށް ތަރައްޤީވަމުންދާ ދާއިރާއަކަށް ހެދުމަށްޓަކައި ތަޢުލީމީ ވުޒާރާއިން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، މިދާއިރާގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ ވުޒާރާއިން ވަނީ ކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މި މާސްޓަރ ޕްލޭންގެ ދަށުން ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މުހިންމު ކަންތައްތަކެއް ތަންފީޒުކުރެވޭނެ ކަމަށެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ޓީޗަރުން ތަމްރީންކުރުން ކަމަށާއި، ވޭތުވެދިޔަ ދެ އަހަރުވެސް ޓެކްނޮލޮޖީއަށް އަހުލުވެރި ޓީޗަރުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، "ޑިޖިޓަލް ކޮމްޕިޓެންސީ ލީޑަރޝިޕް މަތިކުރަމުން މިހާރު މިދަނީ ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭންގެ ދަށުން. މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މާސްޓަރ ޕްލޭން ތަޢާރަފްކުރާނަން. ހަމައެއާއެކު ޔުނިސެފާއި ގުޅިގެންވެސް މިދާއިރާ ތަރައްޤީކުރުމަށް ވަރަށް ގިނަ މަސައްކަތް އެބަ ކުރެވޭ" ކަމަށެވެ.

ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ކުރެވޭ މަސައްކަތްތައް މިއަހަރު އިތުރަށް ފުޅާކުރައްވާނެކަން ހާމަކުރައްވަމުން، ވަޒީރު ވިދާޅުވީ ޓީޗަރުންނަށް އަންނަ ކޮންމެ ކުރިއެރުމެއް ސީދާ ގުޅެނީ ދަރިވަރުންގެ ކުރިއެރުމާ ކަމަށެވެ. އަދި ޓީޗަރުންގެ ދުޅަހެޔޮކަމާއި ތަމްރީނުތަކަކީ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދޭ ކަންކަން ކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މިއަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ ދާއިރާއިން އާޓިފިޝަލް އިންޓެލިޖެންސް (AI) އާ ގުޅޭގޮތުން ޓީޗަރުން ތަމްރީނުކުރުމަށް ވަނީ ނިންމާފައެވެ. މީގެ މަޤްޞަދަކީ އެކި މާއްދާތައް ކިޔަވައިދިނުމުގައި އޭއައި ބޭނުންކުރާނެ އުކުޅުތައް ޓީޗަރުންނަށް ދަސްކޮށްދިނުން ކަމަށް ތަޢުލީމީ ވުޒާރާއިން ކުރިން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450