ޚަބަރު
މިމަހު 24ގައި ސަރުކާރުގެ ރޯދަހަދިޔާ ބަހަން ފަށަނީ
މިދިޔަ އަހަރު ރޯދައަށް ބެހި މަސްދަޅުކޭހެއް ހިފައިގެން މީހަކު ދަނީ. ފޮޓޯ: ސަން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ބަހަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ދޫކުރާނެ މަރުކަޒުތައް
މާލެ ސަރަޙައްދުގައި ޖުމުލަ 15 މަރުކަޒަކުން މަސްދަޅު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:
މާލޭގައި: މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯވިލު، ހެންވޭރު ބޯޅަދަނޑު، އަދި ގަލޮޅު ދަނޑުގެ 4 ސަރަޙައްދެއް.
ހުޅުމާލެ ފޭސް 1 ގައި: ޢުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ ޓަވަރު ތިރި، އަދި މުޙައްމަދު ޤާސިމް ޕްރީ ސްކޫލް.
ހުޅުމާލެ ފޭސް 2 ގައި: ކާމިލުދީދީ ސްކޫލް، ހިޔާޓަވަރު 10، އަދި ވިނަރެސް ފްލެޓް ސަރަޙައްދު.
ވިލިމާލޭގައި: ވެމްކޯ ސައިޓް
ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަންގެ ކަންކަން ފަސޭހަކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން hhhy.mv ގެ ނަމުގައި ޚާއްޞަ ޕޯޓަލްއެއް ތައާރަފުކުރާނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު 22 ޖަނަވަރީ 2026 ގައި ހުޅުވާލާއިރު، މަސްދަޅު ބަހައި ނިންމުމަށް ހަމަޖެހިފައިވަނީ 11 ފެބުރުވަރީ 2026 ގެ ނިޔަލަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މި ބޮޑު މަޝްރޫޢަކީ ގިނަ މުއައްސަސާތަކެއްގެ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތެކެވެ. "މިފްކޯއިން ޕްރޮޑަކްޝަން މަސައްކަތް ކޮށްދެއްވި. އެސްޓީއޯއިން މި މަސައްކަތުގެ ޓްރާންސްޕޯޓާއި ލޮޖިސްޓިކްސް ހަމަޖައްސަވައިދެއްވާ،" މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ އަދި އެމްޑަބުލިޔުއެސްއީ ފަދަ ކުންފުނިތަކުންވެސް މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާނެއެވެ.
ޝަކުވާ ހުށަހެޅުން
މަސްދަޅު ކޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނުވަތަ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމުގެ ޝަކުވާ ހުށަހެޅުމަށް ޚާއްޞަ ވަޓްސްއަޕް ނަންބަރެއް ވަނީ ކަނޑައަޅާފައެވެ. ރައްޔިތުންނަށް 7741446 ނަންބަރަށް މެސެޖުކޮށްގެން ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.