ކުޅިވަރު

ނޭޕާލްގެ މައްޗަށް ރާއްޖެއިން ކުރިހޯދާ ޗެމްޕިއަންކަމާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފި

ނޭޕާލްގެ މައްޗަށް ރާއްޖެއިން ކުރިހޯދާ ޗެމްޕިއަންކަމާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފި

ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ބައެއް ކުޅުންތެރިން ފޮޓޯ : ސާފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖެނުއަރީ 2026، 01:32

22 ޖެނުއަރީ 2026، 01:32

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ކުޅުނު ހަތަރުވަނަ މެޗުވެސް ކާމިޔާބުކޮށް، ލީގު ތާވަލުގެ ކުރީގައި ފުޅާ ލީޑެއް ނަގައިފިއެވެ. މިއަދު ކުޅެވުނު ފޯރިގަދަ މެޗުގައި ނޭޕާލްގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ރާއްޖެއަށް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ބޭނުންވާ ޕޮއިންޓާ ވަރަށް ގާތަށް ޖެހިލާފައެވެ. މެޗު ފެށުނީއްސުރެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރާއްޖެއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް ރާއްޖެއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ރާއްޖޭގެ ތިން ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ނޭޕާލްގެ ކީޕަރު ވަނީ ނުރައްކާތެރި ގިނަ ބޯޅަތަކެއް ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. މި ލަނޑަކީ ނޭޕާލްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަހުމަދު ހަމީދު ތަނަވަސްކޮށްދިން ފުރުސަތަކުން އަބްދުﷲ ޝާފިއު ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް، މި ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް ނޭޕާލްގެ ބިކްރާތު ނާސިންގ ރާނާ ވަނީ ކޯނަރަކުން ލިބުނު ފުރުސަތެއްގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ ފަހު ފަނަރަ މިނެޓުގެ ތެރޭގައި ކުޅުން ވަރަށް ބޮޑަށް ހޫނުވެގެންދިޔައެވެ. މެޗު ނިމެން 7 މިނެޓަށް ވެފައިވަނިކޮށް، ރާއްޖޭގެ ޝާފިއުއަށް ކުރި ފައުލަކާ ގުޅިގެން ނޭޕާލްގެ އަމިތު ލާމާއަށް ވަނީ ރަތްކާޑު ދައްކާފައެވެ. ރާއްޖެ މޮޅުކޮށްދިން ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިމްރާނެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި 7 ވަނަ ލަނޑެވެ.

މި ކާމިޔާބީއާއެކު ރާއްޖެއަށް މިހާރު މުބާރާތުގެ ތަށި ކަށަވަރުކުރަން ބޭނުންވަނީ ކުރިއަށް އޮތް ދެ މެޗުން އެންމެ ދެ ޕޮއިންޓެވެ. ރާއްޖޭގެ ދެން އޮތް މެޗުގައި ބައްދަލުކުރާނީ ބޫޓާނާއެވެ. ނަމަވެސް، މިއަދު ހަވީރު ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު އެއްވަރުވެއްޖެނަމަ، އެހެން މެޗުތަކުގެ ނަތީޖާއަށް ބެލުމެއްނެތި ރާއްޖެއަށް ޗެމްޕިއަންކަން ޔަގީންވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450