ޚަބަރު
މިރަމަޟާން މަހު މާލޭގެ މިސްކިތްތަކުގައި ދިވެހި 37 ޙާފިޘުން އިމާމުވެ ތަރާވީޙް ކުރާނެ
އިސްލާމީ މަރުކަޒުގައި އިމާމަކު ބަންގިދެނީ. ފޮޓޯ: ދިޔަރެސް
މިއަހަރުގެ ރަމަޟާން މަހު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ތަރާވީޙް ނަމާދު އިމާމުވެ ކުރުމަށް 37 ދިވެހި ޙާފިޘުން ހަމަޖައްސައިފިއެވެ.
މީގެ ތެރޭގައި ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާ ޙާފިޘުން ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއެވެ.
ޚާއްޞަ ގޮތެއްގައި އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް މިއަހަރު އިމާމުވެ ތަރާވީޙް ނަމާދު ކުރާނީ ދިވެހި ޙާފިޘުންނެވެ. މީގެ އިތުރުން، މި ދެ މިސްކިތުގައި ހުކުރު ޚުޠުބާ ކިޔުމުގެ ފުރުޞަތު ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މިއަހަރުގެ ފިޠުރު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތްތަކުގައި ވެސް ޒުވާން ޚަޠީބުން އިމާމުވެ ނަމާދު ކުރާނެއެވެ.
މާލޭގެ 47 މިސްކިތުގެ ތެރެއިން ބައެއް މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރާ އުޞޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ޢާއްމުކޮށް ކުރުކޮށް ކިޔަވައި ތަރާވީޙް ކުރާ ސުލްޠާން ޢާދިލް މިސްކިތުގައި (ގަލޮޅު ދަނޑު ކުރިމަތި) މިއަހަރު ކުރާނީ ދިގުކޮށް ހިފްޒުކޮށްގެންނެވެ. މި ބަދަލު ގެނައީ އެ މިސްކިތުގައި ކުރުކޮށް ކުރާތީ ޖަމާޢަތް ބޮޑުވެ، މަޖީދީ މަގު ބްލޮކްވެ ދަތުރުފަތުރަށް ދަތިވާތީ އެކަމަށް ޙައްލެއް ހޯދުމަށެވެ. މީގެ ބަދަލުގައި ބަރުބަރީ މިސްކިތުގައި މިއަހަރު ކުރާނީ ކުރުކޮށް ކިޔަވައިގެންނެވެ.
މީގެ އިތުރުން، ގިނަ ބަޔަކު އެއްވާ ބޮޑެތި ބައެއް މިސްކިތްތަކުގައި ކުރުކޮށް ކިޔަވައި ތަރާވީޙް ނަމާދު ކުރުމުގެ ފުރުޞަތު ވަނީ އިތުރުކޮށްފައެވެ. މިއީ ގިނަ ބަޔަކަށް ލުއިފަސޭހަކޮށް ނަމާދުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ކުރެވުނު ކަމެކެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރު އަންނައިރު މާލެ ސަރަޙައްދުގައި ތަރާވީޙް ނަމާދު ކުރާ ހުރިހާ އިމާމުންނަކީ ދިވެހިން ކަމުގައި ހެދުމެވެ. މިއަހަރު ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ދިވެހި ޙާފިޘުން އިމާމުވެ ތަރާވީޙް ކުރާނެއެވެ. މިއީ ދިވެހި ޒުވާން ޙާފިޘުންނަށް ފުރުޞަތުތައް ފަހިކޮށްދީ، ދިވެހި އިމާމުން ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.