Ads by Stelco

ޚަބަރު

ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ދ. ރިނބުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖެނުއަރީ 2026، 05:17

22 ޖެނުއަރީ 2026، 05:17

ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދޫގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މިކަމަށްޓަކައި ރިނބުދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިނބުދޫގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސް އެރަށަށް ކުރެއްވި ޒިޔާރަތުގައި، ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން މިއަދު ހަގީގަތަކަށް ވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު މި އިހްތިފާލުވެގެން މިދަނީ މިރަށަށް އެހާމެ މުހިންމު މަޝްރޫޢެއް. ޞިއްޙީ މަރުކަޒަަށް އިތުރުކުރެވޭ އައު އިމާރާތުގެ ބިންގާ މިއަދު މި އެޅިގެންދިޔައީ. މިއީ ރިނބުދޫ ފަދަ އާބާދީ ބޮޑު ރަށްރަށަށް އެހާމެ މުހިންމު މަޝްރޫޢެއް، ވަޒީރު 

ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން، ރިނބުދޫ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އިމާރާތުގައި ޤާއިމުކުރެވޭ ޒަމާނީ ވަސީލަތްތަކާއެކު، ބޭސްފަރުވާއަށް ރަށުން ބޭރަށް ދާންޖެހޭ މިންވަރު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

މި މަޝްރޫޢު ނިމުމުން، ރިނބުދޫގެ ރައްޔިތުންނަށް އެރަށުގައި ތިބެގެން ފެންވަރު ރަނގަޅު، ޒަމާނީ ޞިއްޙީ ޚިދުމަތްތައް ލިބިގަތުމުގެ މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450