ޚަބަރު
މިއަހަރުގެ ރޯދަމަހު ސްކޫލްތަކުގައި ކިޔަވައިދޭނީ ފުރަތަމަ ހަފްތާގައި އެކަނި ކަމަށް ކަނޑައަޅައިފި
އަޙްމަދިއްޔާ ސްކޫލް ފޮޓޯ: ސަން
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ސްކޫލްތަކުގެ ކިޔެވުން ކުރިއަށްދާނީ ހަމައެކަނި ފުރަތަމަ ހަފްތާގައި ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވައިފިއެވެ. ތަޢުލީމީ ވުޒާރާއިން މިކަން ހާމަކުރެއްވީ އެ ވުޒާރާގެ ވެބްސައިޓުގައި މިއަދު އާންމުކުރި ދިރާސީ އައު އަހަރުގެ ކަލަންޑަރުގެ އެންމެ ފަހުގެ އަދާހަމައާއެކުގައެވެ.
އަލަށް އާންމުކުރި ދިރާސީ ކަލަންޑަރުގައި ދިރާސީ އަހަރުގެ މުހިންމު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގެ އިތުރުން، ސްކޫލްތަކުގައި ކިޔަވައިދޭނެ ދުވަސްތަކާއި ދަރިވަރުންނާއި ޓީޗަރުންނަށް ލިބޭ ބަންދު ދުވަސްތައް ވަނީ ތަފްސީލުކޮށް ފާހަގަކޮށްފައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
މީލާދީ ކަލަންޑަރު ދައްކާގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށޭނީ ފެބްރުއަރީ މަހުގެ 18 ވާ އަންގާރަ ދުވަހުއެވެ. ރޯދަމަހުގެ ތާވަލަށް ބަލާއިރު، ފެބްރުއަރީ 19 ވާ ބުދަ ދުވަހަކީ ސްކޫލް ބަންދު ދުވަހެކެވެ. އަދި ރޯދަމަހުގެ ފުރަތަމަ ހަފްތާގެ ތެރެއިން ފެބްރުއަރީ 22 އިން 26 އަށް ސްކޫލްތަކުގައި ކިޔަވައިދިނުން ކުރިއަށްދާނެއެވެ.
ނަމަވެސް، ފެބްރުއަރީ 27 އަދި 28 އަށް އަންނަ ހަފްތާ ބަންދަށްފަހު، މާޗް މަހުގެ 1 އިން 8 އަށް ދަރިވަރުންނަށް ކިޔެވުމެއް ނޯންނާނެއެވެ. އެ ދުވަސްތައް ކަލަންޑަރުގައި ފާހަގަކޮށްފައިވަނީ ޓީޗަރުންގެ ޕީޑީ (ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް) ދުވަސްތަކުގެ ގޮތުގައެވެ.
މީގެއިތުރުން، މާޗް މަހުގެ 9 އިން 22 އަށް އެކެޑެމިކް ކަލަންޑަރުގައި ކަނޑައަޅާފައިވަނީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައެވެ. އެއީ ރޯދަމަހުގެ ފަހު ދިހައެއްގެ ދުވަސްތަކެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަސް ދިމާވަނީ މާޗް މަހުގެ 20 ވަނަ ދުވަހަށެވެ.
ރަމަޟާން މަހާއި ޢީދު ބަންދަށްފަހު، ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 23 ވަނަ ދުވަހު ކަމަށްވެސް ތަޢުލީމީ ވުޒާރާގެ ކަލަންޑަރުގައި ބަޔާންކޮށްފައިވެއެވެ.