ކުޅިވަރު / ޚަބަރު
ޤައުމީ ފިރިހެން ފުޓްސަލް ޓީމް މިއަދު ކުޅޭ މެޗުގައި ކާމިޔާބީއަށް އެދިވަޑައިގެން ނައިބުރައީސް އެޓީމަށް ހިތްވަރުދެއްވަވައިފި
ނައިބުރައީސް ހުސެއިން ދައުލަތުގެ މީޑިއާ އާ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމު މިރޭ ކުޅޭ މުހިންމު މެޗުން ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެޓީމަށް ހިތްވަރުދެއްވައިފިއެވެ.
ނައިބު ރައީސް ދައުލަތުގެ މީޑީއާ އާ ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ޓީމުގައި ތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިންކަން ފާހަގަކުރައްވައި، މިހާރުވެސް ޓީމުން ހޯދަމުންދާ ނަތީޖާތަކަކީ އުއްމީދުކުރެއްވި ފަދަ ރަނގަޅު ނަތީޖާތަކެއް ކަމަށް ވިދާޅުވިއެވެ. އަދި ޓީމުން ދައްކަމުންދާ ކުޅުމާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށާއި، ކުޅުންތެރިން މި މުބާރާތަށް ތައްޔާރުކުރުމުގައި ޓީމުގެ ކޯޗު ކުރެއްވި ބުރަ މަސައްކަތްތައް އެމަނިކުފާނު ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
ދިވެހިންނަކީ ކުޅިވަރުގެ ރޫޙުގައި އަބަދުވެސް އެއްބައިވަންތަކަން ދައްކާ ބައެއްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، މާދަމާގެ މެޗުގައި ޓީމާ އެކު މުޅި ރާއްޖޭގެ ރައްޔިތުން ތިބިކަމުގެ ޝުޢޫރާއި ފޯރި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށެވެ. އަދި މި މެޗުގެ ކާމިޔާބީއަށް މުޅި ޤައުމު ކެތްމަދުވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ނައިބު ރައީސް ވަނީ ސާބަސް ދެއްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އަންހެން ޓީމަށް އިތުރު ފުރުޞަތުތައް ލިބި، ބޮޑެތި ކާމިޔާބީތައް ހޯދުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ތައިލޭންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފިރިހެން ޓީމު ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، މޮޅުވުމުގެ ސިލްސިލާއެއް ދަމަހައްޓާފައެވެ. މާދަމާ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ރާއްޖެއަށް މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.