ޚަބަރު
ދ.މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި
ދ.މީދޫ. ފޮޓޯ: މީދޫ ކައުންސިލް
ދ. މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ފޯނެއް ގެންދަން އުޅުމުން، އެކަމަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައެވެ. މި މަސައްކަތަށް ހުރަސްއެޅުމާ ގުޅިގެން ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން މީދޫގެ ބައެއް ރައްޔިތުން ވަނީ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް، ފުލުހުން ބުނެފައިވަނީ މިހާރު ހައްޔަރުކޮށްފައިވަނީ އެންމެ މީހެއް ކަމަށެވެ.
ފުލުހުން މިހާރު ގެންދަނީ ގެވެށި އަނިޔާގެ މައްސަލައާއި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.