ޚަބަރު
ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިން ތަމްރީނަށް މާފިލާފުށްޓަށް ފުރައިފި
ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރުގެ ބައިވެރިން ފުރުން. ފޮޓޯ: ދިފާއީ ވުޒާރާ
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ބުރަށް ހޮވުނު 350 ޒުވާނުން ތަމްރީން ހެދުމަށްޓަކައި ޅ. މާފިލާފުށްޓަށް މިއަދު ފުރައިފިއެވެ.
މިއީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި މަސައްކަތުގެ މައިދާނަށް އަހުލުވެރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފަހަރުގެ ބުރުގައި ފުރުސަތު ދީފައިވަނީ މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ކުރިމަތިލި 1200 އަށްވުރެ ގިނަ ޒުވާނުންގެ ތެރެއިން ނަންނޯޓު ކޮށްފައިވާ ތަރުތީބުންނެވެ. މި ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، މެޑިކަލް ޗެކަޕް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނަސް ޓެސްޓުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މާފިލާފުށްޓަށް ފުރި 350 ބައިވެރިން އެ ރަށުގައި ތިން މަސް ދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެއެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އިޢުލާނުކުރެއްވި ޕްރޮގްރާމެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި އިސްލާމްދީނަށް އޮންނަ ލޯބި އިތުރުކުރުމެވެ. އަދި ޤައުމަށް ދިމާވާ ކާރިސާތަކާއި ނުރައްކާތަކުގައި ސާބިތުކަމާއެކު ޚިދުމަތަށް ނުކުންނާނެ، އެއްބައެއްވަންތަ ބަޔަކު ބިނާކުރުމަކީވެސް މި ޕްރޮގްރާމުގެ އަމާޒެކެވެ.
މީގެ އިތުރުން، ޒުވާނުންނަކީ އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރަން ދަންނަ އަދި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ލިބިފައިވާ އުފެއްދުންތެރި ބަޔަކަށް ހެދުމަށް މި ތަމްރީނުތަކުގެ ތެރެއިން ބާރުއަޅާނެއެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 344 ޒުވާނުން ދަސްވެނިވެފައިވާއިރު، އޭގެ ތެރެއިން ބައެއް ބައިވެރިން މިހާރު އަންނަނީ ބ. ކިހާދޫގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.