Ads by Stelco

ޚަބަރު

ޝަހީދު އަލީ ސްކޫލަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ނިންމާލައިފި

ޝަހީދު އަލީ ސްކޫލަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ނިންމާލައިފި

ޝަހީދު އަލީ ސްކޫލަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖެނުއަރީ 2026، 12:35

24 ޖެނުއަރީ 2026، 12:35

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ޝަހީދު އަލީ ސްކޫލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، މި މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، ޕެނަލްތަކުން ފެށިގެން ކްލާސްރޫމްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ބޯޑްތައް ޓެސްޓްކޮށް، ކަރަންޓު ވަޔަރިންގެ ސަލާމަތްތެރިކަން ޔަގީންކުރުމުގެ ފަންނީ މަސައްކަތްތައް ވެސް ވަނީ ނިންމާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުލީމީ ދާއިރާއަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން ބިނާކުރި މި ސްކޫލުގެ ބިންގާ އެޅީ 23 ޑިސެމްބަރު 2023 ގައެވެ. މި ސްކޫލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އަންގާރަ ދުވަހުއެވެ.

ޝަހީދު އަލީ ސްކޫލަކީ ރާއްޖޭގެ އެހެން ސްކޫލުތަކާ ތަފާތު، ޒަމާނީ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ބިނާކޮށްފައިވާ ތަނެކެވެ. އެގޮތުން މި ސްކޫލުގައި ހޯލަކާއެކު އޮޑިޓޯރިއަމްއެއް ގާއިމުކޮށްފައިވާއިރު، 50 ކްލާސްރޫމްގައި ވަނީ އޭސީ ހަރުކޮށްފައެވެ. އަދި ފެންވަރު ރަނގަޅު ލައިބްރަރީއަކާއި ސައިންސް ލެބްތަކުގެ އިތުރުން، 20 ކުދިންގެ ޖާގައިގެ ތިން ލިފްޓާއި ސޯލާ ޕެނެލް ވެސް މި ސްކޫލުގައި ހުންނާނެއެވެ.

މި ސްކޫލް ހުޅުވުމާއެކު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދަރިވަރުންނަށް އެ ސަރަހައްދުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބި، ބެލެނިވެރިންނަށާއި ދަރިވަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450