ޚަބަރު
ގިނަ އަދަދެއްގެ ހޮސްޕިޓަލްތައް ހިމެނޭހެން ޞިއްޙީ ޚިދުމަތްދޭ 160 ފެސިލިޓީގެ މަސައްކަތް މިހާރުވެސް ކުރިއަށްއެބަދޭ: ޞިއްޙީ ވަޒީރު
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ހޮސްޕިޓަލްތައް ހިމެނޭހެން ޞިއްޙީ ޚިދުމަތްދޭ 160 ފެސިލިޓީއެއްގެ އުމްރާނީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް ޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ތަރުޖަމާނާއެކު" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ.
ޞިއްޙީ ދާއިރާގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ޞިއްޙީ މަރުކަޒުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ހަތް ސަރަޙައްދުގެ މައި ހޮސްޕިޓަލްތަކުގެ އިތުރުން ރީޖަނަލް ހޮސްޕިޓަލްތައް ހިމެނޭހެން ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިމާރާތުގެ ދަތިކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު ލިބެންހުރި ޖާގައިގެ ތެރެއިން ހިދުމަތްތައް ފުޅާކުރަމުންދާއިރު، އިތުރު ހިދުމަތްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޞިއްޙީ ޚިދުމަތްދޭ 160 އަށް ވުރެ ގިނަ ފެސިލިޓީގެ އުމްރާނީ ތަރައްއާއި ގުޅޭ މަސައްކަތްތައް ދަނީ ކުރަމުން. 30 އަށްވުރެ ގިނަ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރިއަށްދޭ. 20 އަށް ވުރެ ގިނަ ހެލްތު ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދޭ. ހެލްތު ސެންޓަރު އެކްސްޕެންޝަން 90 މަޝްރޫއު ކުރިއަށްދޭ." މަޝްރޫއުތަކުގެ ތަފްސީލް ހާމަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި މުޅިން އަލަށް 22 މަޝްރޫއެއްގެ މަސައްކަތް ފައްޓަވާނެ ކަމަށް ވަޒީރު އިއުލާންކުރެއްވިއެވެ. މީގެ އިތުރުން، ޞިއްޙީ ފެސިލިޓީތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، ހޮސްޕިޓަލްތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި ވޭތުވެދިޔަ ކައިރި މާޒީއެއްގައި ނާންނަހާ ބޮޑެތި ކުރިއެރުންތަކެއް މި ސަރުކާރުން ގެނެސްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.