ޚަބަރު
އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން އަލުން އާސަންދައިގެ ދަށުން ޚިދުމަތް ދޭން ފަށައިފި
އިންޑިއާގެ މަނިޕާލް ހޮސްޕިޓަލް
އިންޑިއާގެ މަޝްހޫރު މަނިޕާލް ހޮސްޕިޓަލުން ދިވެހިންނަށް އަލުން އާސަންދައިގެ ހިދުމަތް ދޭން ފަށައިފިއެވެ.
ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދަމުން އަންނަ މި ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލުމަށްފަހު އަލުން މި ފެށީ، ހިދުމަތްތަކުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްފަހުގައެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މަނިޕާލް ހޮސްޕިޓަލާއެކު އަލުން އެއްބަސްވުމެއް އެކުލަވާލީ ކުރިން ހުރި އަގުތަކަށްވުރެ ކުޑަ އަގުތަކެއްގައި ހިދުމަތް ދިނުމަށް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، ކުރިން ދެމުންދިޔަ ހިދުމަތްތައް އާސަންދައިގެ ދަށުން ބަލި މީހުންނަށް އަލުން ލިބިގެންދާނެއެވެ.
މަނިޕާލް ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފިޔަވަޅު އަޅަންޖެހުނީ އެ ހޮސްޕިޓަލުގެ އަގުތައް އިންތިހާއަށް ބޮޑުވުމާ ގުޅިގެން، އަގުތައް މުރާޖައާކޮށް ހެޔޮކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ. އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މީގެ ކުރިން ވިދާޅުވެފައިވަނީ، އާސަންދައިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މާ ބޮޑު އަގުތަކެއް ބަލިމީހުންގެ އަތުން އެ ހޮސްޕިޓަލުން ނަގަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދިޔަ ކަމަށެވެ.
އާސަންދައިގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސިއްހަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން އާސަންދަ ނިޒާމު އިސްލާޙުކުރަން ފަސްޖެހުނީ ސިޔާސީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބަލައިގެން ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ނިޒާމުގެ ތެރޭގައި ހުރި އިސްރާފުތައް ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމަށްޓަކައި އާސަންދައިން ވަނީ ބޭރުގެ 60 ހޮސްޕިޓަލަކާއެކު އެއްބަސްވުން އެކުލަވާލާފައެވެ. އޭގެ ތެރޭގައި އިންޑިއާގެ އެކަނިވެސް 49 ހޮސްޕިޓަލެއް ހިމެނެއެވެ. މަނިޕާލް ހޮސްޕިޓަލަކީ މީގެ ކުރިންވެސް ގިނަ އަދަދެއްގެ ދިވެހިން އެންމެ އިތުބާރުކުރާ އެއް ހޮސްޕިޓަލްކަން ފާހަގަކޮށްލެވެއެވެ.