ކުޅިވަރު / ޚަބަރު
ތާރީޚީ ކާމިޔާބީއެއް, ބޫޓާން ބަލިކޮށް ރާއްޖެއިން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލައިފި
ޤައުމީ ފުޓްސެލް ޓީމް ފޮޓޯ:އެފްއޭއެމް
މުޅިން އަލަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ބޫޓާންގެ މައްޗަށް ކުރިހޯދައި، ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން މުބާރާތުގެ ތަށި ކާމިޔާބުކޮށް ގައުމަށް ރީތި ނަމެއް ހޯދައިދީފިއެވެ.
ތައިލޭންޑުގެ ބެންކޮކްގެ ނޮންތަބުރި ސްޓޭޑިއަމްގައި ރާއްޖެ ގަޑިން މިއަދު ހަވީރު 15:00 ގައި ކުޅުނު މި ފޯރިގަދަ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ދިވެހި ޓީމުން ވަނީ މިއަދުގެ މެޗުގައި ވެސް ހިތްވަރުގަދަ ކުޅުމެއް ދައްކައި، ބޫޓާންގެ މައްޗަށް ކުރިހޯދާފައެވެ.
މި މުބާރާތަކީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ވަރަށް ކާމިޔާބު މުބާރާތެކެވެ. ރާއްޖެއިން ތަށި އުފުލާލީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާ އެކުގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ބަންގްލަދޭޝް އަތުން މޮޅުވީ 6-1 އިންނެވެ. އޭގެ ފަހުން އިންޑިއާ އަތުން 5-0 އިން މޮޅުވެ، ނޭޕާލް އަތުން ރާއްޖެ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު ފަސްވަނަ މެޗުން މޮޅުވުމާއެކު، ލީގު އުސޫލުން ކުރިއަށްދިޔަ މި މުބާރާތުގެ ތަށި ރާއްޖެއަށް މިވަނީ ކަށަވަރުވެފައެވެ. މި ކާމިޔާބީއާއެކު ދިވެހި ފަސްގަނޑަށް ބައިނަލްއަގުވާމީ ފުޓްސަލް ތަށި ގެނައުމުގެ ޝަރަފު ގައުމީ ޓީމުން މިވަނީ ހޯދާފައެވެ.
މުބާރާތުގެ ތެރޭގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި ފޯރިއަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގެ ފުޓްސަލް ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެވެ.