Ads by Stelco

ޚަބަރު

މިއީ ޒުވާން އެތުލީޓުންނަށް ލިބުނު ބޮޑު ހިތްވަރެއް - ނައިބު ރައީސް

މިއީ ޒުވާން އެތުލީޓުންނަށް ލިބުނު ބޮޑު ހިތްވަރެއް - ނައިބު ރައީސް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖެނުއަރީ 2026، 06:19

24 ޖެނުއަރީ 2026، 06:19

ތައިލެންޑުގެ ބެންކޮކުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް އެ ޓީމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ކަށަވަރުކުރީ މިއަދު ބޫޓާނާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމީ ފުޓްސަލް ޓީމުން ހޯދި މި ކާމިޔާބީއަކީ ރާއްޖޭގައި ތިބި ޒުވާން އެތުލީޓުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ކާމިޔާބީއަށް ވާސިލުވުމަށް ރާއްޖޭގެ އެތުލީޓުން ދެކެމުންދާ ހުވަފެންތަކުގައި ކުލަޖެއްސުމުގައި މި ކާމިޔާބީ ބޮޑު ދައުރެއް އަދާކުރާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.



މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކައި، މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ. އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތި ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ނަމަވެސް، ގައުމީ ޓީމުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ވާދަވެރި ގައުމުތައް ހައިރާންކޮށްލާފައެވެ.

ރާއްޖެއިން މުބާރާތުގެ ތަށި ކަށަވަރުކުރީ ފަސްވަނަ މެޗުގައި ބޫޓާން ބަލިކުރުމަށްފަހުގައެވެ. މުބާރާތުގައި އަދި ރާއްޖެއަށް އެއް މެޗު ބާކީ އޮތްއިރު، ފަޚުރުވެރި ސާފް ފުޓްސަލް ތަށްޓާއެކު ގައުމީ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450