ޚަބަރު
އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން މައުލޫމާތު ހޯދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
އެޗްޑީސީ އޮފީސް އިމާރާތް : ފޮޓޯ: އެޗްޑިސީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އޮޅުވާލައިގެން އާންމުންގެ އަތުން މައުލޫމާތު ހޯދަމުންދާ މައްސަލަތަކެއް ފެންމަތިވެފައިވާތީ، އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ނަމުގައި ވައިބަރ، އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލުތައް މެދުވެރިކޮށް އާންމުންނަށް ގުޅަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މި ފޯނު ކޯލުތަކާއި މެސެޖުތަކުގެ ޒަރީއާއިން އާންމުންގެ ޒާތީ މަޢުލޫމާތު ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެމުން އެޗްޑީސީން ބުނީ، ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުތަކާއި ސޯޝަލް ހައުސިންގ ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކުންފުނިން ވައިބަރ ނުވަތަ އާދައިގެ ފޯނު ކޯލު މެދުވެރިކޮށް އާންމުންނަށް ނުގުޅާނެ ކަމަށެވެ. އެހެންކަމުން، އެޗްޑީސީގެ ނަމުގައި އަންނަ މިފަދަ ފޯނު ކޯލުތަކަށާއި މެސެޖުތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ކުރާ ކޯލްތަކާއި މެސެޖުތަކަށް ސަމާލުވުމަށާއި، އެއްވެސް ފަރާތަކަށް އަމިއްލަ މައުލޫމާތު ނުވަތަ ފައިސާގެ މުއާމަލާތެއް ނުހިންގުމަށް އިލްތިމާސްކުރަން!#WithHDC pic.twitter.com/YOsnPMcu8e
— Housing Development Corporation (@hdcmaldives) January 24, 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި ހައުސިންގ މަޝްރޫއުތަކާއި އެޗްޑީސީން ހިންގާ އެކި ސްކީމްތަކާ ގުޅުވައިގެން މަކަރާއި ހީލަތުން ފައިސާ އާއި މައުލޫމާތު ހޯދުމުގެ ސްކޭމްތައް އެކި ފަރާތްތަކުން ދަނީ ހިންގަމުންނެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ނުވަތަ ބޭންކް އެކައުންޓާ ގުޅޭ އެއްވެސް މައުލޫމާތެއް ފޯނުން ގުޅާ ފަރާތްތަކާ ހިއްސާ ނުކުރުމަށާއި، ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ތަކުރާރުކޮށް ދަނީ ނަސޭހަތްތެރިވަމުންނެވެ. އެޗްޑީސީން ވަނީ އެ ކުންފުނީގެ ރަސްމީ މުއާމަލާތްތައް ކުރާނީ ކަނޑައެޅިފައިވާ ރަސްމީ އުސޫލުތަކުގެ ތެރެއިންކަމުގެ ޔަގީންކަން އާންމުންނަށް ދީފައެވެ.