ކުޅިވަރު

ސްޕެނިޝް ލީގު: އެމްބައްޕޭގެ ދެ ގޯލާއެކު ރެއާލް އަނބުރާ ލީގުގެ އެއްވަނައަށް

ސްޕެނިޝް ލީގު: އެމްބައްޕޭގެ ދެ ގޯލާއެކު ރެއާލް އަނބުރާ ލީގުގެ އެއްވަނައަށް

ކީލިއަން އެމްބައްޕޭ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޖެނުއަރީ 2026، 07:50

25 ޖެނުއަރީ 2026، 07:50

ސްޕެނިޝް ލަ ލީގާގައި ވިލަރިއާލް 2-0އިން ބަލިކޮށް، ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު ލީގުގެ އެއްވަނައަށް ރެއާލް މެޑްރިޑް އަރައިފިއެވެ. 

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ރެއާލްގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވާޑް ކީލިއަން އެމްބައްޕޭއެވެ. 

ދެވަނަ ހާފްގެ ކުރީކޮޅު އެމްބައްޕޭގެ ފުރަތަމަ ގޯލުން ރެއާލްއިން ލީޑު ނެގިއިރު، އެމްބައްޕޭގެ ދެވަނަ ގޯލަކީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މި ގޯލުތަކާއެކު އެމްބައްޕޭ މިވަނީ 19 މެޗުން 21 ގޯލު ހަމަކޮށްފައެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފުށުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ދެވަނަ ހާފަށް ރެއާލް ނިކުތީ ވަރުގަދަކޮށެވެ. 

އެގޮތުން ފުރަތަމަ ގޯލަކީ ރެއާލްގެ ވާތް ފަރާތުން ވިނީސިއަސް ޖޫނިއަރ ތިރިތިރިން ހުރަސްކޮށްދިން ބޯޅައެކުން ލިބުނު ފުރުސަތެކެވެ. އެ ބޯޅަ ސާފުކޮށްލުމަށް ވިލަރިއާލްގެ ކުޅުންތެރިން ކުރި މަސައްކަތްވީ އެމްބައްޕޭއަށް ފަހިވި ފުރުސަތަކަށެވެ. އެގޮތުން ވިލަރިއާލްގެ ކުޅުންތެރިއަކު ސާފުކުރަން ޖައްސާލި ބޯޅަ ސީދާ އެމަބައްޕޭއަށް ލިބުނުއިރު، އޭނާ ވަނީ އެ ބޯޅަ ޔަޤީންކަމާއެކު ގޯލަށް ފޮނުވާލާފައެވެ.

ދެވަނަ ހާފުގައި ވިނީސިއަސް ވަނީ މޮޅަށް ކުޅެފައެވެ. ނަމަވެސް އޭނާއަށް މި މެޗުގައި ވެސް ގޯލެއް ކާމިޔާބު ކުރެވިފައި ނުވުމުން، މިހާތަނަށް ގޯލެއް ނުޖެހި ލީގުގައި މިވަނީ 13 މެޗު ފަހަނައަޅާ ގޮސްފައެވެ. 

އެމްބައްޕޭގެ ދެވަނަ ގޯލަކީ އިތުރު ވަގުތުގެ 4ވަނަ މިނެޓުގައި އޭނާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

މި އަހަރު ފެށުނުއިރު ބާސެލޯނާ 4 ޕޮއިންޓުގެ ލީޑެއްގައި އޮތް ނަމަވެސް، މިދިޔަ ހަފްތާގައި އެ ޓީމު ރެއާލް ސޮސިއެދާދު މެޗުން ވަނީ ބަލިވެފައެވެ. އެހެންކަމުން މިރޭ ބާސެލޯނާ އާއި ރެއަލް އޮވިއެޑޯ މެޗުން އެ ޓީމަށް ކުރިލިބިއްޖެނަމަ، ދެ ޓީމުގެ ދެމެދުގައި އޮންނާނީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450