ކުޅިވަރު

ފާއިތުވި 10 މަސް ތެރޭގައި ފުރަތަމަ ފަހަރަށް ލީގުގައި ބެޔާން ބަލިވެއްޖެ

ފާއިތުވި 10 މަސް ތެރޭގައި ފުރަތަމަ ފަހަރަށް ލީގުގައި ބެޔާން ބަލިވެއްޖެ

އޮގްސްބާގުން ލީޑު ނެގުމަށްފަހު އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޖެނުއަރީ 2026، 08:34

25 ޖެނުއަރީ 2026، 08:34

ޖަރުމަން ބުންޑަސް ލީގާގެ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބެޔާން މިއުނިކް ބަލިވެއްޖެއެވެ. 

ލީގުގެ 13ވަނައިގައި އޮތް އޮގްސްބާގުން ބެޔާންގެ ރެކޯޑަށް ނިމުން ގެނަސްފައި މިވަނީ، ބެޔާންއިން ފުރަތަމަ ހާފުގައި ލީޑު ނަގާފައި ވަނިކޮށް ފަހު ހާފުގައި ދެ ގޯލު ކާމިޔާބުކޮށްގެންނެވެ. 

މި ސީޒަންގެ އިތުރުން، މިއީ މިދިޔަ މާޗު މަހުގެ ފަހުން ލީގުގައި ބެޔާން ބަލިވި ފުރަތަމަ މެޗު ވެސް މެއެވެ. އެހެންކަމުން އޮގްސްބާގުން ނިމުމަކަށް މި ގެނައީ ބެޔާންއިން ބަލިނުވެ ދަމަހައްޓަމުން އައި 10 މަސްދުވަހުގެ ދިގު ރެކޯޑެކެވެ. މީގެ ކުރިން ލީގުގައި ބެޔާން އެންމެ ފަހުން ބަލިވީ ބޯކުމްއާ ދެކޮޅަށް ކުޅުނު މެޗުގައި ބެޔާންއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ފަހަތުން އަރާ 3 ގޯލު ކާމިޔާބުކޮށްގެންނެވެ. 

އޮގްސްބާގްއަކީ މީގެ ކުރިން ވެސް ބެޔާންއަށް ނުތަނަވަސްކަން ގެނުވާފައިވާ ޓީމެކެވެ. އެގޮތުން 2014ގައި ބެޔާން 53 މެޗުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ވެސް ނިމުމަކަށް ގެނަސްފައި ވަނީ އޮގްސްބާގުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބެޔާންގެ ހިރޯކީ އިޓޯސް ނަގައިދިން ލީޑު އޯގަސްބާގުން ކެންސަލްކުރީ، މިދިޔަ ބުރާސްފަތި ދުވަހު އެ ޓީމާ އަލަށް ގުޅުނު އާރތޫރު ޗާވޭސްގެ ގޯލަކުންނެވެ. އަދި މެޗު ނިމެން 9 މިނެޓަށް ވެފައިވަނިކޮށް އެ ޓީމުން ލީޑު ނެގީ ހަން-ނޯއާ މެސެންޖީގެ ގޯލަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބެޔާން ކޯޗު ވިންސެންޓު ކޮމްޕެނީ ބުނީ، އެ ޓީމު ބަލިވި އެއް ސަބަބަކީ މެޗުގެ ފަހުކޮޅަށް ދިޔައިރު ޓީމުގެ ކުޅުންތެރިން ބޮޑަށް ވަރުބަލިވުމުން ކަމުގައެވެ. އަދި އޮގްސްބާގުން ދެވަނަ ހާފުގައި މޮޅަށް ކުޅެފައިވާކަން ވެސް އޭނާ ފާހަގަކުރިއެވެ. 

މި މެޗުން ބަލިވި ނަމަވެސް ބެޔާން އޮތީ 50 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑެއްގައެވެ. ދެވަނައިގައި އޮތް ބްރޫޝިއާ ޑޯޓްމަންޑަށް ލިބިފައި ވަނީ 42 ޕޮއިންޓެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450