ކުޅިވަރު

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް: ރާއްޖެ ބަލިކޮށް ބަނގުލަދޭޝްއިން މުބާރާތް ކާމިޔާބުކޮށްފި

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް: ރާއްޖެ ބަލިކޮށް ބަނގުލަދޭޝްއިން މުބާރާތް ކާމިޔާބުކޮށްފި

ބަނގުލަދޭޝްގެ ސަބީނާ ޚަތުންގެ އަތުން ބޯޅަ ހޯދުމަށް ރާއްޖޭގެ ނޫރާ މަސައްކަތްކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޖެނުއަރީ 2026، 11:25

25 ޖެނުއަރީ 2026، 11:25

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް)އިން މުޅިން އަލަށް ކުރިޔަށް ގެންދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް ބަނގުލަދޭޝްއިން ކާމިޔާބުކޮށްފިއެވެ. 

ރައުންޑް ރޮބިން ފޯމެޓަށް، ލީގުގެ އެއްވަނަ ހޯދާ ޓީމަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށްގެންދާ މި މުބާރާތުގެ ތަށި ބަނގުލަދޭޝް ކަށަވަރުކުރީ، ފަހު މެޗުގައި ރާއްޖޭގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.

ތައިލެންޑުގައި ކުރިޔަށްގެންދާ މި މުބާރާތުގެ ފަހު މެޗުތައް މިއަދަށް ތާވަލުކޮށްފައިވާއިރު، މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރާއްޖެ އާއި ބަނގުލަދޭޝްއެވެ. އެ މެޗުގައި ބަނގުލަދޭޝްއިން ރާއްޖެ ބަލިކުރީ 14-2 އިންނެވެ.

މި މެޗު ރާއްޖެއިން ފެށީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ކުރީ ކޮޅު ރާއްޖޭގެ ރާނިޔާ އިބްރާޙިމް ކާމިޔާބުކުރި ގޯލާއެކު، މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ރާއްޖެއިންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަނގުލަދޭޝް ވަނީ ލީޑު ހޯދައި، ތަށި ޔަޤީން ކުރުމަށް ބޭނުން ތިން ޕޮއިންޓު ހޯދުމާ ގާތަށް ޖެހިލާފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 6-1ގެ ލީޑެއްގައި އޮވެގެނެވެ.

ރާއްޖޭގެ ދެވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ އެންމެ ފަހު މިނެޓުގައި މަރިޔަމް ނޫރާއެވެ.

މި މުބާރާތުގެ ތަށި ބަނގުލަދޭޝްއިން މި ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެ ޓީމަށް ހަމައެކަނި ގެއްލުނީ ދެވަނަ މެޗުގައި ބޫޓާންއާ ކުޅުނު މެޗު 3-3އިން އެއްވަރުވުމުން ގެއްލުނު ދެ ޕޮއިންޓު އެކަންޏެވެ.

އަދި މުބާރާތުގައި ކުޅުނު 6 މެޗުން އެ ޓީމުން ޖުމްލަ 38 ގޯލު ކާމިޔާބުކުރިއިރު، އެ ޓީމުގެ ކޮޅަށް ވަނީ 10 ގޯލެވެ. 

މި މުބާރާތުގައި ބަނގުލަދޭޝްއިން ވަނީ ޕާކިސްތާންއާ ދެކޮޅަށް ވެސް ބޮޑު މޮޅެއް ހޯދާފައެވެ. އެ ޓީމުން ޕާކިސްތާން ބަލިކުރީ 9-1އިންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450