ޚަބަރު
މި ދައުރުގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި އައު ބާބެއް ހުޅުވިގެންދާނެ: ވަޒީރު ނާޡިމް
ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް/ފޮޓޯ: ވުޒާރާ
މި ދައުރުގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި އައު ބާބެއް ހުޅުވި، ރައްޔިތުންނަށް އެދެވޭ ބޮޑެތި ބަދަލުތަކެއް ފެންނާނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ނާޡިމް ވިދާޅުވީ، ސަރުކާރުގެ ޤާބިލިއްޔަތުކަން ހުރި މިންވަރުން، ބަޖެޓުގެ ތެރެއިން ޖާގަ ހޯއްދަވައިގެން ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ވަޞީލަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ހުރި ޞިއްޙީ ސިޔާސަތުތައް ތަންފީޒުވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް އެންމެ ބޮޑު ހޭދައެއް ކުރާނެ ފަސް އަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ޞިއްޙީ ދާއިރާއަށް އަންނާނެ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި 5 އަހަރު ވާނީ ލެބޯޓްރީގެ ޚިދުމަތާއި، އެމްއާރުއައި މެޝިންތަކާއި، ސީޓީ މެޝިންތައް ފަދަ އަސާސީ ޞިއްޙީ ޚިދުމަތްތައް އެެންމެ ގިނައިން ފޯރުކޮށްދެވޭނެ ފަސް އަހަރަށް ކަަމަށެވެ. ހަމަ އެއާއެކު، މިއީ ރައްޔިތުންނާ ގާތުން އަސާސީ ޞިއްޙީ ޚިދުމަތްތައް ލިބި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނެ ދައުރެއްކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މިއީ ރައްޔިތުންގެ ޞިއްޙީ ކަންބޮޑުވުންތައް ބޮޑު ލުޔެއް ލިބިގެންދާނެ 5 އަހަރު. އެކަން އަޅުގަނޑަށް ކަށަވަރުވާ ސަބަބަކީ ސިޔާސަތުތައް ވަރަށް ރަނގަޅަށް ތަރުތީބުކޮށް ލިޔެވިފައި ހުރީތީވެ. މިކަމަށް ބޭނުންވާ ބަޖެޓު ސަރުކާރުން ހަމަޖައްސަވައިދެއްވަމުން ގެންދަވާތީ. މިކަމަށް ބޭނުންވާ ނިޒާމުތައް ހަމަޖައްސަވައިދެއްވަމުން ގެންދަވާތީ. ގާތުން ރައީސުލްޖުމްހޫރިއްޔާ ބައްލަވަމުން ގެންދަވާތީ. ވަރަށް ގާތުން އަޅުގަނޑުމެންނަށް އިންސްޓްރަކްޝަން ގެންދަވަމުން ގެންދަވާތީ. އެެހެންވެ އަޅުގަނޑަށް ކަށަވަރު ވެގެންދަނީ މި ސިޔާސަތުތައް ތަންފީޒުވެގެންދާނެކަން.
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ފަސް އަހަރު ނިމޭއިރު، ރާއްޖޭގެ ޞިއްޙީ ދާއިރާގައި އައު ބާބެއް ލިޔެވި، އޭގެ ސަބަބުން ރައްޔިތުންނަށް ހިތްހަމަޖެހުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ރައްޔިތުން ސަރުކާރުގެ ކިބައިން އެދެމުންދާ ކަންކަން ކަމަށާއި، އެކަމުގައި އެއްވެސް ޝައްކެއް ނުކުރުމަށް ވަޒީރު ވަނީ ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ މުހިންމު ޚިދުމަތަކީ ޞިއްޙީ ޚިދުމަތް ކަމަށާއި، އެކަމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.