Ads by Stelco

ޚަބަރު

އައްޑޫ ކެތު ލެބް އައިޖީއެމްއެޗާ ގުޅިގެން ހިންގަން ނިންމައި , ޚިދުމަތް އަންނަ ބުދަ ދުވަހު ފަށަނީ

އައްޑޫ ކެތު ލެބް އައިޖީއެމްއެޗާ ގުޅިގެން ހިންގަން ނިންމައި , ޚިދުމަތް އަންނަ ބުދަ ދުވަހު ފަށަނީ

އައްޑޫ ކެތް ލެބް ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖެނުއަރީ 2026، 03:45

25 ޖެނުއަރީ 2026، 03:45

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމްކޮށްފައިވާ ކެތު ލެބް، މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާ ގުޅިގެން ހިންގުމަށް އެންމެ ފަހުން ނިންމައިފިއެވެ. މި ނިންމުމާއެކު، ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކުރެވި ހުރި މި ލެބުގެ ޚިދުމަތް އަންނަ ބުދަ ދުވަހު ރަސްމީކޮށް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

ހިތަދޫގައި ހުންނަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ކުރިން މަސައްކަތް ކުރީ ކެތު ލެބުގެ ޚިދުމަތް އައުޓްސޯސް ކޮށްގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށުމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު އެތަން ހިންގައިދޭނެ ބަޔަކު ހޯދަން އިޢުލާން ކުރުމުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް، ފައިނަލް ޕްރޮޕޯޒަލް ހުށަހެޅުމަށް ދިން މުއްދަތުގައި އެއްވެސް ފަރާތަކުން ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީ އެ ފުރުސަތު ވަނީ ކެންސަލްވެފައެވެ.

އޭއީއެޗްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު މިދިޔަ މަހު ވިދާޅުވެފައިވަނީ، އައުޓްސޯސް ކުރުމުގެ ބަދަލުގައި އާ މޮޑެލްއަކަށް ކެތު ލެބް ހިންގުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. މިހާރު ނިންމާފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗާ ގުޅިގެން މި ޚިދުމަތް ކުރިއަށް ގެންދިއުމަށެވެ. އައިޖީއެމްއެޗްގައި މިހާރުވެސް ކެތު ލެބުގެ ޚިދުމަތް ދެމުންދަނީ ދިވެހި ޑޮކްޓަރުންގެ ޓީމަކުންނެވެ. އެ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ޚާއްޞަ ފަސް ވަރަކަށް ދިވެހި ޑޮކްޓަރުން މަސައްކަތް ކުރައްވައެވެ.

އަންނަ ބުދަ ދުވަހު އައްޑޫ ކެތު ލެބް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޙަލީމް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ކެތު ލެބަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، އޮކްޓޯބަރު 2023 ގައި ގާއިމްކުރި ތަނެކެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ ޚިދުމަތް ނުފެށި ދޮޅު އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

ޑރ. ޔާސިރު ވިދާޅުވި ގޮތުގައި، މި ކެތު ލެބުން ހިތުގެ ބަލިތަކަށް ބޭނުންވާ އެންޖިއޯގްރަފީ އާއި، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް އައްޑޫ އާއި ދެކުނުގެ އަތޮޅުތަކުން މާލެއަށް ފޮނުވާލަންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450