Ads by Stelco

ޚަބަރު

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކޮށް، ރަމަޟާން މަހުގެ ކުރިން ހުޅުވާލަނީ

ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކޮށް، ރަމަޟާން މަހުގެ ކުރިން ހުޅުވާލަނީ

ޖުމްހޫރީ މައިދާނުގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ފެބްރުއަރީ 2026، 01:47

01 ފެބްރުއަރީ 2026، 01:47

މާލޭގެ މުނިފޫހިފިލުވުމުގެ މައި މަރުކަޒުތައް ކަމުގައިވާ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކޮށް، އަންނަ ރަމަޟާން މަހުގެ ކުރިން އާންމުންނަށް ހުޅުވާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.

މި ދެ ސަރަހައްދު މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ފެށީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. މަސައްކަތްތައް ކުރިއަށްދާތީ މިހާރު މި ދެ ތަން އޮތީ އާންމުންނަށް ބަންދުކޮށްފައެވެ.

އާރުޑީސީގެ މާލެ ސަރަހައްދުގެ ރީޖަނަލް މެނޭޖަރު އިބްރާހިމް ގާސިމް ވިދާޅުވީ، ސަލްޓަން ޕާކުގެ މަރާމާތުގެ ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބާކީ ހުރި މަސައްކަތްތައް މަޑުޖެހިފައިވަނީ ބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ލިބުން ލަސްވުމުން ކަމަށާއި، ނަމަވެސް ވަރަށް އަވަހަށް އެ ތަކެތި ލިބި، ރަމަޟާން މަހުގެ ކުރިން ޕާކު ހުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލްޓަން ޕާކުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ވިއު ސްޓްރަކްޗަރ، ޓްރީހައުސް، ވޯކްވޭތައް އަދި ކުޑަކުދިން ކުޅޭ ސަރަހައްދުތައް އާބާތުރަފިލުވުން ހިމެނެއެވެ. މީގެ އިތުރުން ލަކުޑީގެ މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ގާޑަން ސަރަހައްދާއި ސީސީޓީވީ ކެމެރާތައް މަރާމާތުކުރުންވެސް ހިމެނެއެވެ.

ޖުމްހޫރީ މައިދާނުގެ މަސައްކަތްތައްވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައެވެ. އެގޮތުން އިށީންނަ ބެންޗުތައް ހެދުމާއި، ކޮންކްރީޓް ފްލޯ މަރާމާތުކުރުމާއި، ގަސް ހެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އާރުޑީސީން މައުލޫމާތުދެއެވެ.

މާލޭގެ މައިޒާންތައް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން، ރަސްފަންނު ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ދަނީ ކުރަމުންނެވެ. އެމްޓީސީސީން ފެން ހިންދާ ނިޒާމާއި ބޭރު ތޮށި މަރާމާތު ކުރަމުންދާއިރު، އެމްޑަބްލިޔުއެސްސީން ދަނީ ރަސްފަންނު ޕެވިލިއަން އާއި ފާޚާނާ ބަރި ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ރަސްފަންނުގެ މަރާމާތުގެ މަސައްކަތްތައް އަންނަ މާރިޗު މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ މާލޭގެ ޕާކުތަކާއި މައިޒާންތަކަކީ އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި ތަންތަނުގެ ގޮތުގައި ތަރައްގީކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450