ޚަބަރު
ގއ. ގެމަނަފުށީ ނަރުދަމާގެ މަސައްކަތް ނިންމުމަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި
ގއ. ގެމަނަފުށީ ނަރުދަމާގެ މަސައްކަތް ނިންމުމަށް އެމްޑަބްލިޔުއެސްސީއާއެކު އެގްރިމަންޓުގައި ސޮއިކުރުން ފޮޓޯ: އެމްޑަބްލިއުއެސްސީ
ގއ. ގެމަނަފުށީގައި ކުރިން ފަށާފައިވާ ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ނިންމައި، އެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ 1 ފެބުރުވަރީ 2026 ގައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު އެވެ.
ޖުމްލަ 17,675,432.34 (ސަތާރަ މިލިއަން ހަ ލައްކަ ހަތްދިހަ ފަސް ހާސް ހަތަރުސަތޭކަ ތިރީސް ދެ ރުފިޔާ ތިރީސް ހަތަރު ލާރި) ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް އެމްޑަބްލިޔުއެސްސީއަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ގެމަނަފުށީގައި ކުރިން ފަށާފައިވާ ނަރުދަމާ ނިޒާމުގެ ބާކީ ހުރި މަސައްކަތްތައް ނިންމައި، ނިޒާމު ޓެސްޓްކޮށް ކަމިޝަން ކުރުން ހިމެނެއެވެ.
މީގެ އިތުރުން، ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ރަށުގެ މީހުން އާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި ސީ އައުޓް ފޯލް އެޅުމާއި، ގޭބީސީތަކާއި އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބަހައްޓައި، ނަރުދަމާ ނިޒާމާ ގުޅައިދިނުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
މި މަޝްރޫޢަކީ ގެމަނަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.