ޚަބަރު
ޒަކާތުގެ މުޢާމަލާތްތައް ވަގުތުން ބެލޭނެ "ފިޠުރު ޕޯޓަލް" މޯލްޑިވްސް ޒަކާތު ހައުސްއިން ތަޢާރަފުކޮށްފި
"ފިޠުރު ޕޯޓަލް" ފޮޓޯ:މޯލްޑިވްސް ޒަކާތު ހައުސް
މުޅި ރާއްޖޭގައި ޒަކާތުގެ ގޮތުގައި ދައްކާ ނަގުދު ފައިސާގެ ޢަދަދުތައް ވަގުތުން ބަލައިލެވޭނެ ހަރުދަނާ ނިޒާމެއް "ފިޠުރު ޕޯޓަލް"ގެ ނަމުގައި މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު އިފުތިތާޙުކޮށްފިއެވެ.
މި ޕޯޓަލްއަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ތަޢާރަފުކުރި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެކެވެ.
ޒަކާތު ހައުސްއިން ހާމަކުރެއްވި ގޮތުގައި، މި ޕޯޓަލް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މުޅި ރާއްޖޭގައި އެއް އުޞޫލަކުން މި މަސައްކަތް ކުރިއަށް ގެންދިއުމެވެ.
މި އައު ނިޒާމުގެ ސަބަބުން، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ހުރިހާ މުޢާމަލާތްތަކެއް ވަގުތުން ބެލުމުގެ ފުރުޞަތު ޒަކާތު ހައުސްއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ޞައްޙަ ޖުމްލަ ޢަދަދުތައް ކޮންމެ ދުވަހަކު ވެސް ކަށަވަރުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
ޒަކާތު ހައުސްއިން އިތުރަށް ވިދާޅުވީ، ހުރިހާ މަޢުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ރަމަޟާން މަސް ނިމުމާއެކު ލަސްނުކޮށް ޒަކާތް ބެހުމުގެ މަގު ފަހިވާނެ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ޒަކާތް ލިބުން ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ފޯރުކޮށްދެވޭނެއެވެ.
"ފިޠުރު ޕޯޓަލް" އަކީ ރާއްޖޭގައި ޒަކާތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއީ ޒަކާތުގެ ނިޒާމު ޒަމާނީ ޑިޖިޓަލް ވަޞީލަތްތަކުގެ އެހީގައި އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.