ޚަބަރު
ރާއްޖެ އިގުތިސާދީ އަނދަވަޅަކުން ސަލާމަތްވީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުން: ފަލާހު
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ފޮޓޯ: ދަ މޯލްޑިވްސް ޖަރނަލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތީ އަވަށްޓެރި ސްރީ ލަންކާއަށް ދިމާވި ފަދަ ބިރުވެރި ހާލަތެއްގައި ކަމަށާއި، އެކަމުން ގައުމު ސަލާމަތްވީ ރައީސްގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ރޭ ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ގދ. ތިނަދޫ ސިޓީ ކައުންސިލަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް އެ ރަށުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އައިއިރު ރާއްޖޭގެ ހާލަތު އޮތީ ލަންކާއެކޭ އެއްފަދައިން ބަނގުރޫޓުވުމާ ގާތުގައި ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެކަން އިއުލާނު ނުކޮށް އޮތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވި ގޮތުގައި، އޭރު ރާއްޖެއަށް ބޭނުންވާ އަސާސީ ކާޑުގެ ބާވަތްތަކާއި ތެލަށް ފައިސާ ނުދެއްކޭ ހިސާބަށް ކަންތައްތައް އޮތީ ގޮސްފައެވެ. އޭނާ މި އިޝާރާތް ކުރެއްވީ ބޭރު ފައިސާ ހުސްވެ، ދަރަނި ނުދެއްކި ލަންކާގެ އިގުތިސާދު ބަނގުރޫޓުވެގެން ދިޔަ ހިތްދަތި ހާލަތަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެން، އެ މަނިކުފާނު ގެންގުޅުއްވި އިގުތިސާދީ ހަރުދަނާ ސިޔާސަތުގެ ސަބަބުން، ﷲ ގެ ރަހުމަތްފުޅުން، މި ގައުމު މިއަދާ ހަމައަށް ސަލާމަތް ވެފައި މިއޮތީ،" ރައީސް މުއިއްޒުގެ މަސައްކަތްޕުޅަށް ތައުރީފު ކުރައްވަމުން ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުއިއްޒަކީ އިހުލާސްތެރި، އަމާނާތްތެރި އަދި މުރާލި ވެރިއެއްކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، އެފަދަ ވެރިއަކު ގައުމަކަށް ލިބެނީ ވަރަށް މަދު ހާލަތެއްގައި ކަމަށެވެ. އަދި ތިނަދޫގެ ރައްޔިތުންވެސް ރައީސަށް ބޮޑު އިތުބާރެއް ކުރާ ކަމަށާއި، އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.އެމްޑީޕީގެ ފިކުރަކީ "ފަނާކުރަނިވި" ފިކުރެއްގެ ގޮތުގައި ސިފަކުރައްވަމުން ވިދާޅުވީ، އެ ޕާޓީން މަޖިލީހަށާއި ކައުންސިލްތަކަށް ނެރޭ ކެންޑިޑޭޓުންނަކީ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާނެ ބައެއް ނޫން ކަމަށެވެ.