ޚަބަރު
ވީ.އައި.އޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އެމް.އޭ.ސީ.އެލް އިން ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރަނީ
ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށް، ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ކުރިއަށްގެންދާ ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
ހުޅުމާލެ އައިލެންޑް ހޮޓެލްގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އެވެ. މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސަރވިސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ ޙަސަން އަޝީތުގެ އިތުރުން އެ ޑިޕާޓްމަންޓުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސް (އީ.އެސް.އެސް) ގެ 28 އޮފިސަރުން ބައިވެރިވެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ އަމަލީ ތަމްރީނުތަކާއި ތިއަރީ ހިމެނޭހެން، ސެކިއުރިޓީ އޮފިސަރުންގެ ހުނަރު އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި ގާނޫނީ އޮނިގަނޑުތަކަށް އަހުލުވެރިކުރުވުމާއި، ފަންނީ އަޚުލާގާއި، ޕެޓްރޯލް ކުރުމުގެ އުކުޅުތަކުގެ އިތުރުން ހެކި ދެނެގަތުމާއި، އަމިއްލަ ނަފްސުގެ ދިފާއު އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ބައިތައް ކިޔަވައިދެވޭނެއެވެ. މީގެ އިތުރުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު ބައެކެވެ.
އެމް.އޭ.ސީ.އެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މިފަދަ ތަމްރީނުތަކުގެ ސަބަބުން އެއަރޕޯޓުގެ ރައްކާތެރިކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ގާބިލުކަން އިތުރުވެ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.