ޚަބަރު
ރާއްޖޭގެ ގާލް ގައިޑް ހަރަކާތް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މަޝްވަރާކުރައްވައިފި
ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އެންޑް ގާލް ސުކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިއުމަތު ޝަފީޤުއާ ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އެންޑް ގާލް ސުކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިއުމަތު ޝަފީޤުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނިއުމަތު ޝަފީޤުގެ އިތުރުން މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގާލް ގައިޑް ހަރަކާތްތައް މިހާރު ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމާއި، ކުރިމަގުގައި މި ހަރަކާތް އިތުރަށް ވަރުގަދަކޮށް ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކަށް މި ހަރަކާތް ފުޅާކުރުމާއި، އަންހެން ކުދިންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމަށް ރޭވިފައިވާ އެކި މަޝްރޫއުތަކާ ބެހޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.
މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނަކީ އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށާއި، އެކި ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ގިނަގުނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. 1948 ވަނަ އަހަރު އުފެދުނު މި އެސޯސިއޭޝަނަކީ ރާއްޖޭގައި ވަރަށް ދިގު ތާރީޚެއް އޮތް ހަރަކާތެކެވެ. މިހާރުވެސް ރާއްޖޭގެ 88 ސްކޫލަކުން 14,000 އަށްވުރެ ގިނަ ކުދިން މި ހަރަކާތުގައި ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ އަންހެން ކުދިންނަކީ މުޖުތަމައަށް ފައިދާހުރި، ގާބިލު ބަޔަކަށް ހެދުމަށް ގާލް ގައިޑް ހަރަކާތުން ކުރަމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ތައުރީފު ކުރައްވާފައެވެ.